ޕެރަލިމްޕިކް ކޮމިޓީގެ އައު ވެބްސައިޓް އިފުތިތާހުކޮށް، ސަރަހައްދީ ކްލެސިފިކޭޝަން ވޯކްޝޮޕެއް މާލޭގައި ފަށައިފި
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކުރުމަށް އެކުލަވާލި އައު ވެބްސައިޓް އިފުތިތާހުކުރުމާއެކު، ޕެރަ-ސްޕޯޓްސް ކްލެސިފިކޭޝަންގެ ސަރަހައްދީ ވޯކްޝޮޕެއް މިއަދު މާލޭގައި ފަށައިފިއެވެ.
މާލޭގެ ޔޫތު ހަބުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އައު ވެބްސައިޓް އިފުތިތާހުކޮށްދެއްވައި ވޯކްޝޮޕް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
އައު ވެބްސައިޓް ވުޖޫދަށް އައުމާއެކު، ޕެރަލިމްޕިކް ކޮމިޓީގެ މަސައްކަތްތަކާއި ކުޅިވަރުގެ މައުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
Ads by BMLމި ރަސްމިއްޔާތުގެ ތެރެއިން ޕެރަ-ސްޕޯޓްސްގެ ދާއިރާއިން ސަރަހައްދީ ގުޅުން ބަދަހިކުރުމަށްޓަކައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ޕެރަލިމްޕިކް ކައުންސިލް އޮފް މެލޭޝިއާއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
ދެ ގައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ޕެރަ-ސްޕޯޓްސް ތަރައްގީކުރުމުގައި ފަންނީ އެހީތެރިކަމާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ސައުތު އޭޝިއަން ޕެރަ-ސްޕޯޓްސް ރީޖަނަލް ކްލެސިފިކޭޝަން ވޯކްޝޮޕް 2026" އަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަރަހައްދީ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ދެކުނު އޭޝިއާ ސަރަހައްދުގެ ތަޖުރިބާކާރުން ބައިވެރިވެ، ކްލެސިފިކޭޝަން ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަސައްކަތްކުރާނެއެވެ.
މި ހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި މުޅި ސަރަހައްދުގައި ޕެރަ-ސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
Ads by MACL
