ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕީޓާ ގްރީން މަރުވެފައި އޮއްވާ ފެނިއްޖެ
ހޮލީވުޑްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ދަ މާސްކް" އަދި "ޕަލްޕް ފިކްޝަން" ފަދަ ފިލްމުތަކުގައި ނުބައިބައި ރޯލުތަކުން މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު އެކްޓަރު ޕީޓާ ގްރީން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އުމުރުން 60 އަހަރުގެ ޕީޓާ ގްރީން މަރުވެފައި އޮއްވާ ފެނިފައިވަނީ ނިއުޔޯކްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރެއިންނެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ، އެ ގޭގެ ތެރެއިން މެދުކެނޑުމެއްނެތި 24 ގަޑިއިރު ވަންދެން މިއުޒިކްގެ އަޑު އިވޭތީ، އެކަމާ ޝައްކުވެގެން ފުލުހުން ގޮސް ބެލުމުންނެވެ. ފުލުހުން އެ އެޕާޓްމަންޓަށް ވަންއިރު ޕީޓާ ގްރީން އޮތީ މަރުވެފައެވެ.
Ads by BMLޕީޓާ މަރުވާން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ ޖިނާއީ އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ނުކުތް މަޝްހޫރު ފިލްމު "ދަ މާސްކް" ގައި އޭނާ ކުޅުނު ޑޯރިއަން ޓައިރެލްގެ ރޯލާއި، ކުއެންޓިން ޓެރަންޓީނޯގެ "ޕަލްޕް ފިކްޝަން" ގައި އޭނާ ކުޅުނު ޒެޑްގެ ރޯލަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރޯލުތަކެކެވެ. މީގެ އިތުރުން "ދަ ޔޫޝުއަލް ސަސްޕެކްޓްސް" އަދި "ޓްރެއިނިންގ ޑޭ" ފަދަ ފިލްމުތަކުން ވެސް އޭނާގެ ހުނަރުވެރިކަން ވަނީ ފެނިގެން ގޮސްފައެވެ.
ޕީޓާގެ މަރުގެ ޚަބަރާއެކު އޭނާގެ މެނޭޖަރު ގްރެގް އެޑްވާޑްސް ބުނެފައިވަނީ، ޕީޓާ އަކީ ވަރަށް ހުނަރުވެރި އަދި އެހާމެ ރަނގަޅު މިޒާޖެއްގެ މީހެއް ކަމަށާއި، މިއީ ފިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވިއިރު، އައު ފިލްމެއްގެ މަސައްކަތް ފެށުމަށް ދިޔައީ ތައްޔާރުވަމުންނެވެ.
Ads by MACL
