ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކުދިންނަށް ޔޫޓިއުބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ވަގުތަށް ވުރެ ބޮޑަށް ބަލާ އެއްޗެހީގެ ސަބަބުން: ޑރ. ޖެނީ

ކުދިންނަށް ޔޫޓިއުބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ވަގުތަށް ވުރެ ބޮޑަށް ބަލާ އެއްޗެހީގެ ސަބަބުން: ޑރ. ޖެނީ

ކުޑަކުދިން ޔޫޓިއުބް ބެލުމުގައި ދުވާލަކު ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުމަށް ވުރެ ބޮޑަށް ބެލެނިވެރިން ސަމާލުކަން ދޭންޖެހެނީ، އެކުދިން ބަލާ ވީޑިއޯތަކުގެ ބާވަތަށާއި އޭގެ ސަބަބުން ކުއްޖާގެ އުޅުމަށާއި މިޒާޖަށް އަންނަ ބަދަލުތަކަށް ކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެނީ ރަޑެސްކީ ވިދާޅުވެއްޖެއެވެ.

ޔުނިވާސިޓީ އޮފް މިޝިގަންގެ ރަޑެސްކީ ލެބްގެ ޑިރެކްޓަރު އަދި އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްގެ ސޯޝަލް މީޑިއާ އެންޑް ޔޫތު މެންޓަލް ހެލްތު ސެންޓަރުގެ ކޯ-މެޑިކަލް ޑިރެކްޓަރު ޑރ. ޖެނީ ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވި ގޮތުގައި، ޔޫޓިއުބަކީ އެއްވެސް ޚަރަދަކާ ނުލައި ފޯނާއި ސްމާޓް ޓީވީތަކުން ފަސޭހައިން ބަލައިލެވޭ ވަސީލަތަކަށް ވާތީ ގިނަ ބެލެނިވެރިން އެ ބޭނުންކުރި ނަމަވެސް، އޭގެން ކުދިންނަށް ތައުލީމީ ގޮތުން ލިބޭ ފައިދާ ވަރަށް ކުޑައެވެ.

އޭނާގެ ދިރާސާތަކުން ދައްކާ ގޮތުގައި ޔޫޓިއުބްގައި ހުންނަ ގިނަ ވީޑިއޯތަކަކީ ވިޔަފާރި އިޝްތިހާރުތަކާއި ކުދިންގެ ޝައުޤުވެރިކަން ހަމައެކަނި ދަމައިގަތުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ އެއްޗެއްސެވެ. ޔޫޓިއުބްގެ އަލްގޮރިދަމް ފަރުމާކޮށްފައި ވަނީ ސިކުނޑިއަށް އަވަސް އަރާމެއް ގެނެސްދޭ ކަންކަމުގެ މައްޗަށް ކަމަށްވާއިރު، އުމުރުން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންގެ ސިކުނޑިއަކީ އަމިއްލައަށް ވީޑިއޯ ބެލުން ހުއްޓާލައި އެހެން ކަމަކަށް ރުޖޫއަވުމުގެ ޤާބިލުކަން އަދި ފުރިހަމައަށް ތަރައްޤީވެފައި ހުންނަ އުމުރެއް ނޫންކަން ޑރ. ޖެނީ ވިދާޅުވިއެވެ.

ޚާއްޞަކޮށް ޔޫޓިއުބް “ޝޯޓްސް” ނުވަތަ ކުރު ވީޑިއޯތަކުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށާއި، ފަސް ސިކުންތުގެ ތެރޭގައި ކުދިންގެ ސަމާލުކަން ހޯދުމަށްޓަކައި އެފަދަ ވީޑިއޯތަކުގައި ބޭނުންކުރަނީ ކުޅޭ އެއްޗެއްސާއި ބޭކާރު ހަރަކާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ފައިސާ ހޯދުމުގެ ބޭނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުލަގަދަ އެނިމޭޝަންތަކާއި ލަވަތައް އަވަސް އަވަހަށް އުފައްދާ މިންވަރު އިތުރުވަމުންދާއިރު، ދިރާސާތަކުން ދައްކަނީ ކުދިންނަށް އެންމެ ރަނގަޅަށް ދަސްވަނީ ވަކި މައްސަލައަކާ ކުރިމަތިލާ ކެރެކްޓަރެއް ހިމެނޭ ދިގު ވާހަކަތަކުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ވަކި ވަގުތެއް ކަނޑަނޭޅި ނަމަވެސް، އެޕްލިކޭޝަނުން ދައްކާ ކޮންމެ ވީޑިއޯއެއް އެއްވެސް ވިސްނުމެއް ނެތި ކުއްޖާ ބަލަމުންދޭތޯ އާއި، ރަނގަޅު ޕްރޮގްރާމެއް ބަލަން އިނދެފައި ފެންވަރު ދަށް ވީޑިއޯތަކަށް ބަދަލުވޭތޯ އަދި ސްކްރީން ބަލައި ނިމުމުން ކުއްޖާ ރުޅިގަދަވެ ބޮޑާހާކާތޯ ބެލެނިވެރިން ބަލަންޖެހޭ ކަމަށް ޑރ. ޖެނީ ވިދާޅުވިއެވެ.

މިކަމަށް އޮތް ޙައްލެއްގެ ގޮތުން އޭނާ ލަފާދެއްވަނީ ދެ ހަފުތާގެ މުއްދަތަށް ޔޫޓިއުބް ބެލުން ހުއްޓާލުމަށްފަހު އިތުބާރު ހުރި އެހެން އެޕްލިކޭޝަނަކަށް ބަދަލުކޮށް، އޭގެ ސަބަބުން އިރުއޮއްސޭ ވަގުތު ކުއްޖާގެ ރުޅިގަދަވުމާއި މިޒާޖަށް ހެޔޮ ބަދަލެއް އާދޭތޯ ތަޖުރިބާ ކުރުމަށެވެ.

ހަމައެއާއެކު، ބެލެނިވެރިކަމުގައި ކުށް ކުރެވޭނެކަން ޤަބޫލުކޮށް، ހުރިހާ ކަމެއް އެންމެ ފުރިހަމަ ނުވިޔަސް “އެކަށީގެންވާ ވަރަށް ރަނގަޅު ބެލެނިވެރިއަކަށް” ވުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުން، ޚާއްޞަކޮށް ގޭގައި އިނދެގެން ވަޒީފާ އަދާކުރާ އެކަނިވެރި މައިންބަފައިންނަށް އެހީތެރިކަން ލިބުން ދަތިވާނެތީ، ހަމައެކަނި ނަސޭހަތް ދިނުމުގެ ބަދަލުގައި އާއިލާތަކުގެ ދިރިއުޅުމުގެ އާދަކާދަތައް ދެނެގަތުން މުހިންމު ކަމަށް “ކަނެކްޓިން: ރެއިސިން ކިޑްސް އިން ދަ ޑިޖިޓަލް ވޯލްޑް” ފޮތުގެ އެއް މުސައްނިފު ކަމަށްވާ ޑރ. ޖެނީ ވިދާޅުވިއެވެ.

ލައިފްސްޓައިލް

އިތުރަށް ←