ކުދިކުދި ކަންކަން މާގިނައިން ހަނދާންނެތެނީތަ؟ އެއީ އާދައިގެ ކަމެއްނޫން!
ކޮންމެ ދުވަހަކުވެސް ދިމާވާ އާންމު ކަންކަމުގެ ތެރެއިން ތަޅުދަނޑި ބޭއްވުނު ތަން ނުވަތަ މީހުންގެ ނަންތައް ފަދަ ކުދިކުދިންކަންކަން ހަނދާނުން ކައްސާލުމަކީ ގިނަ ބަޔަކު ތަޖުރިބާކުރާ ކަމަކަށް ވީނަމަވެސް، އެއީ އަބަދު އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
އިންޑިއާގެ މުމްބާއީގެ ޖަސްލޮކް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. ވިނަޔާ ބަންޑާރީ ވިދާޅުވި ގޮތުގައި، އިންސާނާގެ ސިކުނޑީގެ ހަނދާނަކީ ވީޑިއޯ ރެކޯޑިންއެއް ފަދައިން މަސައްކަތްކުރާ އެއްޗެއް ނޫނެވެ.
ކަމެއް ހަނދާނުގައި ބެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ އެކަމަކަށް ފުރިހަމަ ސަމާލުކަން ދޭންޖެހޭ ކަމަށާއި، ސްޓްރެސްވުމާއި ވަރުބަލިވުމުގެ އިތުރުން އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރަން އުޅުމުގެ ސަބަބުން ސަމާލުކަން ނުދެވިއްޖެނަމަ އެ މައުލޫމާތެއް ސިކުނޑީގައި ރައްކާނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމިސާލަކަށް ފޯނެއްގައި ހުރެގެން ތަޅުދަނޑި ބޭއްވުމުން ފަހުން އެ ހޯދަން އުނދަގޫވަނީ ހަނދާން ނެތުމަށްވުރެ ބޮޑަށް އެވަގުތު ސަމާލުކަން ނުދެވުމުގެ ސަބަބުން ކަމަށާއި، މިއީ އާދައިގެ ކަމެއް ކަމަށް ޑރ. ވިނަޔާ ވިދާޅުވިއެވެ.
މީގެއިތުރުން އުމުރުން ދުވަސްވުމުން ހަނދާނުގައި ހުންނަ މައުލޫމާތު އަވަހަށް ނެގުމުގެ ދުވެލި ދަށްވާ ކަމަށާއި، ނިދި މަދުވުމާއި ހާސްކަމާއި މާޔޫސްވުމާއި ރަނގަޅު ކާނާ ނުލިބުމުގެ އިތުރުން ބައެއް ބޭސްތަކާއި އަޑުއިވުމާއި ފެނުމުގެ މައްސަލަތަކުގެ ސަބަބުންވެސް ހަނދާނަށް ނޭދެވޭ އަސަރުކުރެއެވެ.
ހަނދާންނެތުމަކީ ސީރިއަސް މައްސަލައެއްކަން ދެނެގަތުމަށް އެކަން ދިމާވާ މިންވަރާއި، ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ މިންވަރު އަދި ކަންކަން ދިމާވާ ހާލަތްތަކަށް ބަލަންޖެހޭ ކަމަށް ޑރ. ވިނަޔާ ވިދާޅުވިއެވެ.
އެއް ސުވާލެއް ތަކުރާރުކޮށް ކުރަން ފެށުމާއި، ދާދިފަހުން ހިނގި މުހިންމު ކަންކަން ހަނދާންނެތުމުގެ އިތުރުން އާންމު ދިރިއުޅުމުގެ ކަންކަމަށާއި ވަޒީފާއަށް އަދި އިޖުތިމާއީ ގުޅުންތަކަށް މިކަމުގެ ސަބަބުން ބުރޫއަރާނަމަ އެއީ ސަމާލުވާންޖެހޭ ސީރިއަސް އަލާމާތެކެވެ.
ކާރު ޕާކުކުރި ތަން ހަނދާންނެތުނަސް އައި މަގު ވިސްނާލުމުން ހަނދާންވާ މީހަކާއި، އެތައް އިޝާރާތެއް ކޮށްދިނުމުންވެސް އެއްވެސް ވަރަކަށް ހަނދާނަށް ނާންނަ މީހަކާ ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށާއި، އަބަދު ދެކެފަރިތަ މީހުން ވަކިކުރަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އާދަޔާ ހިލާފަށް ހަނދާންނެތޭނަމަ އެއީ ހަމައެކަނި މުސްކުޅިވުމުގެ އަލާމާތެއް ކަމަށް ދެކި ދޫކޮށްނުލައި، މާބޮޑަށް ހާސްވެ ނުވިސްނައި ޑޮކްޓަރީ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ޑރ. ވިނަޔާ އިރުޝާދު ދެއްވައެވެ.
Ads by MACL
