އަރުޖުން ރާމްޕާލް ލޯބިވެރިޔާ ގެބްރިއެލާއާ އެންގޭޖްވިކަން ކަށަވަރުކޮށްދީފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރުޖުން ރާމްޕާލް، އޭނާގެ ލޯބިވެރިޔާ އަދި ސައުތު އެފްރިކާގެ މޮޑެލް ގެބްރިއެލާ ޑިމެޓްރިއަޑެސްއާ އެންގޭޖްވެފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަރުޖުން މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މިހާރު ދެމީހުން މިވަނީ އެ ގުޅުން ރަސްމީކޮށް ކައިވެންޏާ ހިސާބަށް ގެންދިއުމަށް ނިންމާފައެވެ.
އަރުޖުން އާއި ގެބްރިއެލާގެ ގުޅުމަށް މިހާރު ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެއީ 2019 ވަނަ އަހަރު ލިބުނު އަރިކް ރާމްޕާލް އާއި 2023 ވަނަ އަހަރު ލިބުނު ދެވަނަ ދަރިފުޅެވެ. ކައިވެނި ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު އެންގޭޖްވިކަން އިއުލާން ކުރުމުން ގިނަ ބަޔަކު އަންނަނީ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
Ads by BMLއަރުޖުން ރާމްޕާލް މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ މެހެރް ޖެސިއާއާއެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން (މާހިކާ އާއި މައިރާ) ލިބިފައިވާއިރު، އެ ދެމީހުން ވަރިވެފައިވަނީ 2019 ވަނަ އަހަރުއެވެ.
ގެބްރިއެލާއާ އެންގޭޖްވިކަން އަރުޖުން ކަށަވަރުކޮށްދީފައިވާއިރު، ކައިވެނި ކުރާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
