އުރަމައްޗަށް ޖެހޭ އެންމެ ނުރައްކާތެރި ކެންސަރުގެ ފަރުވާއަށް އުންމީދުގެ ހުޅުކޮޅެއް: އާ އެންޓިބޮޑީއެއް އީޖާދުކޮށްފި
އުރަމައްޗަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބާވަތުގެ ގޮތުގައި ގިންތިކުރާ، "ޓްރިޕްލް-ނެގެޓިވް ބްރެސްޓު ކެންސަރު" (ޓީއެންބީސީ) ފެތުރުން ހުއްޓުވާ އެންޓިބޮޑީއެއް ސައިންސްވެރިން އީޖާދުކޮށްފި ކަމަށް އިއުލާންކޮށްފިއެވެ.
ޓީއެންބީސީއަކީ ކެންސަރާ ދެކޮޅަށް އާންމުކޮށް ބޭނުންކުރާ ހޯމޯން ފަރުވާއަށް ނުގުޑާ، އަދި އެންމެ ބާރަށް ހަށިގަނޑުގެ ތެރެއަށް ފެތުރިގެންނަ ނުރައްކާތެރި ކެންސަރެކެވެ. މި ކުރިއެރުމަކީ މި ބާވަތުގެ ކެންސަރަށް ފަރުވާ ހޯދުމަށް އޮތް ބޮޑު އުންމީދެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ޓީއެންބީސީ ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުން ރެކިގަނެ، ކެންސަރު ހުއްޓުވުމަށް ދޭ ބޭސްތަކުން ސަލާމަތްވެ ހަށިގަނޑުގެ ތެރެއަށް ފެތުރިގަތުމަށް އެހީވެދޭ ޕްރޮޓީނެއްގެ މަސައްކަތަށް ހުރަސްއަޅާ އެންޓިބޮޑީއެއް މިހާރު ވަނީ އުފެއްދިފައެވެ. މި އެންޓިބޮޑީއަކީ ޓީއެންބީސީ ސެލްތައް ފެތުރުމަށް އެހީވެދޭ ވަކި ޕްރޮޓީނެއްގެ މަސައްކަތް ހުއްޓުވާނެ ގޮތަކަށް އީޖާދުކުރެވިފައިވާ ބޭހެކެވެ. އާންމުކޮށް ޓީއެންބީސީ ޖެހިފައިވާ ބައެއް މީހުންނަށް މިހާރު ބޭނުންކުރާ ހޯމޯން ތެރަޕީން ފަރުވާ ކުރުމުން ބަލިން ފަސޭހަވިޔަސް، ދުވަސްކޮޅަކަށް ފަހު އަނބުރާ ކެންސަރު އައުމުގެ ފުރުސަތު ބޮޑުވެފައި ނުރައްކާތެރިކަން އިތުރުވެއެވެ.
Ads by BMLމިފަދަ ހާލަތްތަކުގައި ދެވަނަ ފަހަރަށް ކެންސަރު ސެލްތައް އުފެދި ހަށިގަނޑަށް ފެތުރިގަންނަނީ ކުރިއަށްވުރެ ބާރުގަދަ ގޮތަކަށެވެ. ދެވަނަ ފަހަރަށް މި ބާވަތުގެ ކެންސަރު ޖެހޭ އިރު، ބޭހަށްވެސް ނުގުޑާތީ ބަލިން ފަސޭހަވުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. މެޑިކަލް ޔުނިވަސިޓީ އޮފް ސައުތު ކެރޮލީނާގެ ހޯލިންގްސް ކެންސަރު ސެންޓަރުގެ ސައިންސްވެރިންގެ މި ދިރާސާގައި އެންޓިބޮޑީގެ އަމާޒަކަށް ހެދީ ސިކްރީޓެޑް ފްރިޒްލްޑް-ރިލޭޓެޑް ޕްރޮޓީން 2 (އެސްއެފްއާރްޕީ 2) ކިޔާ ޕްރޮޓީނެކެވެ. މި ޕްރޮޓީން އަކީ ޓީއެންބީސީ ސެލްތައް ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އެސްއެފްއާރްޕީ 2 އަކީ ކެންސަރު ސެލް ފެތުރުމަށް އެހީވެދޭ މުހިންމު ޕްރޮޓީނެކެވެ. މި ޕްރޮޓީންގެ މަސައްކަތަކީ ހަށިގަނޑުގެ ތެރޭގައި އާ ލޭނާރުތަކެއް އުފައްދައި، ކެންސަރު ސެލްތައް އެ ލޭނާރުތަކުގެ ތެރެއަށް ވައްދައި، ދިފާއީ ނިޒާމުގެ ހަމަލާތަކުން ސަލާމަތްކުރުމެވެ. މިހެންވުމުން ކެންސަރަށް ފަރުވާކުރިޔަސް ކެންސަރު ސެލްތައް މަރުނުވެ ދެމިހުރެއެވެ. އަދި ހަށިގަނޑުގައި އުފެދިފައި ހުންނަ ޓިއުމަރު ހަލާކުކޮށްލަން މަސައްކަތްކުރާ ދިފާއީ ނިޒާމުގެ ސެލްތަކުގެ ބާރު ދެރަވެ ބާރު ކެނޑިގެންދެއެވެ.
ބްރެސްޓް ކެންސަރު ރިސާޗް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ލެބޯޓެރީގައި މީދާ ބޭނުންކޮށްގެން ކުރި ތަހުލީލުތަކުން ސާބިތުވެފައިވަނީ މި އެންޓިބޮޑީ ދިނުމުން، ހަށިގަނޑުގައި އުފެދިފައި ހުންނަ ޓިއުމަރު އިތުރަށް ހެދި ބޮޑުވުން ހުއްޓުވާ ކަމެވެ. މިކަމުގެ ސަބަބުން ކެންސަރު ސެލްތައް ފުއްޕާމެއަށް ފެތުރުން ހުއްޓި، ކެންސަރު ސެލްތަކަށް ހަމަލާ ދޭ ދިފާއީ ނިޒާމުގެ ސެލްތައް ހަރަކާތްތެރިކުރުވަން ފަށައެވެ. މި އެންޓިބޮޑީ ހަމަލާ ދެނީ ޓިއުމަރު ސެލްތަކަށް އެކަނި ކަމަށާއި، އެތެރެހަށީގެ ދުޅަހެޔޮ ގުނަވަންތަކަށާއި އާދައިގެ ގޮތުގައި ހެދެމުން އަންނަ ސެލްތަކަށް އެއްވެސް ހަމަލާއެއް ނުދޭ ކަމަށްވެސް ދިރާސާ އިން ދައްކައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އެސްއެފްއާރްޕީ 2 އާ ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީއެއް އީޖާދުކުރީ، 20 އަހަރު ވަންދެން މި ޕްރޮޓީންއާ ބެހޭ ގޮތުން ދިރާސާކޮށް މި ޕްރޮޓީންގެ ހަގީގަތްތައް ދެނެގަތުމަށް ފަހުގައެވެ. މި ދިރާސާގެ އިސް ސައިންސްވެރިއެއްގެ ގޮތުން ބައިވެރިވި ޑރ. ކްލައުބާ ޑެމޯރ ވިދާޅުވި ގޮތުގައި އުރަމަތީ ކެންސަރު ފެތުރުމުގައި އެސްއެފްއާރްޕީ 2 އަދާކުރާ ދައުރު ދެނެގަނެވުނީ ލެބޯޓެރީގައި ކުރި ތަހުލީލުތަކަކުގެ ތެރެއިން 2008 ވަނަ އަހަރުއެވެ. އެއަށްފަހު ސައިންސްވެރިން ވަނީ މި ޕްރޮޓީންގެ މަސައްކަތްތަކާއި، ކެންސަރު ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުން ރެކިގަނެ، ހަށިގަނޑުގެ އެހެން ގުނަވަނަކަށް ފެތުރި ޓިއުމަރު އުފައްދާ ގޮތް ފުޅާ ދިރާސާތަކުން ބަލާފައި ކަމަށެވެ.
Ads by MACL
