ވައިރަލްވި "ދުބާއީ ޗޮކްލެޓް" ގައި ފޮރުވިފައިވާ ނުރައްކަލެއް: އެލާޖީ ހުންނަ ނަމަ ސަމާލުވޭ!
މުޅި ދުނިޔޭގައި އިންތިހާއަށް މަގުބޫލުކަން ހޯދި ޕިސްޓާޗިއޯ އަދި ކުނަފާ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ "ދުބާއީ ޗޮކްލެޓް"، އެލާޖީ ހުންނަ މީހުން ބޭނުންކުރުމުގައި ސަމާލުވުމަށް އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީ (އެފްއެސްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެފްއެސްއޭ އިން ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، މިހާރު ބާޒާރުގައި އަދި ޚާއްސަކޮށް އޮންލައިންކޮށް ވިއްކަމުންދާ "ދުބާއީ ސްޓައިލް" ގެ ބައެއް ޗޮކްލެޓުތަކުގެ ލޭބަލްގައި، އޭގައި ހިމެނޭ ތަކެތި ރަނގަޅަށް ބަޔާންކޮށްފައި ނުހުންނަ ކަމަށެވެ. މީގެ ސަބަބުން ކާބޯތަކެއްޗަށް އެލާޖިކްވާ މީހުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
މި ޗޮކްލެޓްތަކުގައި ބިސް، ކިރު، ބަދަން (ނަޓްސް) އަދި ސެސަމީ ފަދަ އެލާޖެންސް ހުރުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ޕެކެޓުގެ ބޭރުގައި އެކަން ލިޔެފައި ނެތުމުން ނުވަތަ އިނގިރޭސި ބަހުން ސާފުވާނެހެން ނެތުމުން، ނޭނގި ހުރެ މިފަދަ ތަކެތި ކެއުމުގެ ފުރުސަތު ބޮޑެވެ.
Ads by BMLއެފްއެސްއޭގެ ހެޑް އޮފް އިންސިޑެންޓްސް، ޓިނާ ޕޮޓާ ވިދާޅުވީ، "މި ބާވަތުގެ ޗޮކްލެޓްތައް ވިއްކާ ބައެއް ފަރާތްތަކުން، އިނގިރޭސިވިލާތުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ އުފެއްދުންތައް އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކުރެވޭ،" ކަމަށެވެ. އަދި ޕެކެޓުގައި ހުންނަ ލިޔުންތައް ނުކިޔޭނަމަ ނުވަތަ ޔަގީން ނުވާނަމަ އެ ނުގަތުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"ފިކްސް ޑެޒާޓް ޗޮކްލެޓިއާ" ގެ ނަމުގައި ދުބާއީގައި އުފައްދާ މި ޗޮކްލެޓަކީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔަ އެއްޗެކެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޗޮކްލެޓުގެ އަސްލު އުފެއްދުމާއި އަދި އޭގެ "ކޮޕީ" އުފެއްދުންތަކަށް ވަނީ ބޮޑު ޑިމާންޑެއް އުފެދިފައެވެ.
އެހެންކަމުން، މިފަދަ ޗޮކްލެޓެއް ގަންނައިރު ނުވަތަ ކާއިރު، ޚާއްސަކޮށް އެލާޖީ މައްސަލަ ހުންނަ ފަރާތްތަކުން އޭގައި އެކުލެވޭ ބާވަތްތައް ރަނގަޅަށް ޗެކްކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
Ads by MACL
