ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ދަގަނޑޭ ނިއު ޖޯޒީގައި ވަރަށްއަވަހަށް އަލުން ފެންނާނެ: ސުޒޭން 

ދަގަނޑޭ ނިއު ޖޯޒީގައި ވަރަށްއަވަހަށް އަލުން ފެންނާނެ: ސުޒޭން 

ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވަރަށް އަވަހަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖޯޒީގައި އަލުން ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ކްލަބްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަނިޔާއަށް ފަރުވާ ހޯދައި، ރިކަވަރީގެ މަރުހަލާގައި ހުރި ދަގަނޑޭ، ޖެނުއަރީ މަހު ނިއު އަށް ކުޅޭ މެޗުތަކުން ފެނިގެންދާނެ ކަމަށް ސުޒޭން ވިދާޅުވިއެވެ.

ސުޒޭން މިހެން ވިދާޅުވީ މެންދުރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދަގަނޑޭ މިހާރު ހުރީ އޮޕަރޭޝަނަށް ފަހު ރިކަވާވަމުން ކަމަށާއި، ބޯޅައާ އެކު ޕްރެކްޓިސް ނުފެށި ނަމަވެސް، ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭގެ ކޮންމެވެސް ވަރެއްގެ ފެނިލުމެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކޯޗު ސުޒޭން ވިދާޅުވީ ނިއު ރޭޑިއަންޓްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ދަގަނޑޭ އަލުން ނިއު ޖޯޒީގައި ކުޅޭތަން ބަލާލަން ބޭނުންވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުގައި ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅުނު މެޗެއްގައި ކަކުލަށް އަނިޔާވުމާ ގުޅިގެން ދަގަނޑޭއަށް މެޗުތަކުން ދުރުވެލާން ޖެހުނެވެ. އެ އަނިޔާ އިން ރަނގަޅުވުމަށް މިދިޔަ އަހަރު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާ އިރު، މިދިޔަ އޮކްޓޫބަރު މަހުވެސް ކަކުލުގެ މެނިސްކަސް އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އުމުރުން 39 އަހަރުގެ ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި މި ކުޅުންތެރިޔާ، އެންމެ ފުރަތަމަ ނިއުއަށް ކުޅުނީ 2006-2007 ގައެވެ. އޭގެ ފަހުން 2012-2013 އަދި އެންމެ ފަހުން 2017-2018 ގައި ވެސް ދަގަނޑޭ ވަނީ ނިއު ޖޯޒީގައި ފެނިފައެވެ. މި އަހަރު އަލުން ނިއުއަށް ގުޅުމަށް ފަހު، އަނިޔާއިން ރިކަވާވަމުން އަންނާތީވެ، މި މަހު ވަނީ ނިއުއާ އެކު ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް މިވަގުތު އޮތީ ހަތަރު ވަނައިގައެވެ. އެއީ ތިން ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާ އެއްވަރަށް، 11 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. މި ހަފްތާގައި ނިއު އިން ހޮނިހިރު ދުވަހުގެރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، އެންމެ އަވަހަށް ލީގުގައި އެ ޓީމަށް އޮތީ ޖެނުއަރީ ހަ ވަނަ ދުވަހު އޮޑި ސްޕޯޓްސް ކްލަބާ ކުޅޭ މެޗެވެ.

ދަގަނޑޭގެ މި އައުމަކީ ޓީމުގެ ކުޅުންތެރިކަން އިތުރަށް ހަރުދަނާކޮށް، ލީގުގެ ކުރިއަށް އޮތް މެޗުތަކަށް އިތުރު ބާރެއް ގެނެސްދޭނެ ކަމަށް ލަފާކުރެވެއެވެ.

ކުޅިވަރު

އިތުރަށް ←