ކާވާ ކަޕް 2025: ފައިނަލްގައި ރާއްޖެ ބަލިކޮށް ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދައިފި
2025 ވަނަ އަހަރުގެ ވިމެންސް ކާވާ ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި، ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް މޮޅު ކުޅުމެއް ދައްކައި، ކިރްގިސްތާނުން ރާއްޖެއަށް 3-1 ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުން ރާއްޖެއަށް މޮޅެއް ނުލިބުމުން، މުބާރާތުގެ ރަނަރަޕްކަން ވަނީ ހޯދައިފަ އެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ރާއްޖޭގެ ޓީމުން މޮޅުކޮށްފައިވަނީ 25-20 އިންނެވެ. މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް، ދެވަނަ ސެޓުން ފެށިގެން ކިރްގިސްތާނުން ކުޅުން ރަނގަޅުކޮށް، ރާއްޖޭގެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ދެން ކުޅުނު ތިން ސެޓުވެސް ކާމިޔާބުކުރި އެވެ. އެގޮތުން ކިރްގިސްތާނުން ދެވަނަ ސެޓު 25-22 އިންނާއި، ތިންވަނަ ސެޓު 25-17 އިންނާއި، ހަތަރުވަނަ ސެޓު 25-21 އިން ކާމިޔާބުކުރި އެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން ފައިނަލާ ހަމައަށް އައީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ލީގު ބުރުގައި ކިރްގިސްތާން ވެސް ރާއްޖޭގެ އަތުން ބަލިވެފައިވެ އެވެ. ނަމަވެސް، ފައިނަލް މެޗުގައި ކިރްގިސްތާނުން ވަނީ ރާއްޖޭގެ ކިބައިން ބަދަލުހިފައި، ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މުބާރާތަކީ ހަތަރު ގައުމު ވާދަކުރި މުބާރާތެކެވެ.
Ads by BMLމުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޖުމްލަ 7 ކުޅުންތެރިންނެވެ. އޭގެ ތެރެއިން ރާއްޖޭގެ ޓީމުން ހިމެނެނީ ކެޕްޓަން ހައްވާ ރާޝިދާ، ފާތިމަތު ޖޫޒާން ޒަރީރު، އައިމިނަތު ޝަހާ ޝާމިން އަދި ނަރީމާ އިދުރީސް އެވެ. ކިރްގިސްތާނުން ޑްރީމް ޓީމުގައި ހިމެނެނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޫރްޒަމަލް ބޮލޮޓްބެކޮވާ އާއި، ސައިކަލް އަމިރާކުލޯވާ އަދި އަސީމާ ސެއިޓްބްލޮވާ އެވެ.
މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބަންގްލަދޭޝް ވަނީ އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެ ތިންވަނަ ހޯދާފައެވެ.
Ads by MACL
