ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ގއ. ގެ ފުޓްސަލް ފައިނަލުން ދެއްވަދޫއާއި ކަނޑުހުޅުދޫ ޖާގަހޯދައިފި

ކަނޑުހުޅުދޫއާއި ވިލިގިނލި ބައްދަލުކުރި މެޗްގެ ތެރެއިން -- ފޮޓޯ: އިމޭޖަސް އެމްވީ
ކަނޑުހުޅުދޫއާއި ވިލިގިނލި ބައްދަލުކުރި މެޗްގެ ތެރެއިން -- ފޮޓޯ: އިމޭޖަސް އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅު ބުރުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށްފަހު، މި އަތޮޅުގެ ފައިނަލުން ދެއްވަދޫ އާއި ކަނޑުހުޅުދޫ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ދެއްވަދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގެމަނަފުށީގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ދެއްވަދޫގެ އަޙްނަފް ރަޝީދު ވަނީ ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ އިތުރުން ނަސޫޙު ސަޢީދާއި މީޝަން މުޖީބު އަންވަރު ވެސް ވަނީ އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ލަނޑު ޖެހި އަޙްނަފް ރަޝީދެވެ. ގެމަނަފުށީގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަންސަދު ހަސަނެވެ.

ފައިނަލުގެ ފަހު ޖާގަ ކަނޑުހުޅުދޫއިން ހޯދީ ވިލިނގިލީގެ މައްޗަށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް އައި ކަނޑުހުޅުދޫއަށް މި މެޗުގައި އަޙްމަދު ޖަވާދާއި އަޙްނަފް ޒާހިރުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ޖަހައިދިނީ އިސްމާޢީލް އަންވާރެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަޙްނަފް ޒާހިރެވެ.

ގއ. އަތޮޅުގެ ޗެމްޕިއަން ޓީމު ހޮވުމަށް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ. އަތޮޅު ތަށި ލިބިގެންދާނެއެވެ.

ކުޅިވަރު

އިތުރަށް ←