ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ފޯރިގަދަ އެފްއޭ ކަޕް މިއަދު ފަށަނީ

ނިއުއާއާއި އޮޑިން ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ---
ނިއުއާއާއި އޮޑިން ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ---

ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕް ނުވަތަ ފުޓުބޯޅަ އެސޯސިއޭޝަން ކަޕް، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން މިއަދު ފަށާއިރު، މިއީ މި ފަހަރުގެ ފުޓުބޯޅަ ސީޒަން ނިންމާލުމަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ.

މި މުބާރާތް އެންމެ ފަހުން ފުރިހަމަކޮށް ބޭއްވިފައިވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު، އެފަހަރުގެ ތަށި އުފުލާލީ މިހާރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ހަތް ޓީމެއް ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް، ވިކްޓްރީ، ޓީސީ، ބުރު ސްޕޯޓްސް އަދި ކުލަބު އީގަލްސް ހިމެނެއެވެ. މީގެ އިތުރުން ތިންވަނަ ޑިވިޝަނުން ބްލޫ ސްޕޯޓްސް ކުލަބު ވެސް މުބާރާތުގައި ބައިވެރިވެއެވެ.

މިއަދު ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ބްލޫ ސްޕޯޓްސް ކުލަބެވެ. އަދި މިރޭ ކުޅޭ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އާއި ނިއުރޭޑިއަންޓެވެ. މުބާރާތުގެ ދެވަނަ ދުވަހު، ހޮނިހިރު ހަވީރު ވިކްޓްރީއާއި ޓީސީ ބައްދަލުކުރާއިރު، އެރޭ މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.

ކުއާޓަރ ފައިނަލުން ފެށޭ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 15 ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

1988 ވަނަ އަހަރު ފެށި މި މުބާރާތުގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދީ ކްލަބް ވެލެންސިއާއެވެ. ނަމަވެސް، މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ 12 ފަހަރު ތަށި އުފުލާލި ނިއުރޭޑިއަންޓެވެ. ނިއު އަކީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށް، ދެ ފަހަރަށް މި ތަށި މިލްކުކުރި ހަމައެކަނި ކުލަބުވެސް މެއެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން މި މުބާރާތް މެދުކަނޑާލަން ޖެހުނީ ސެމީ ފައިނަލާ ހަމައިންކަން ފާހަގަކޮށްލެވެއެވެ.

ކުޅިވަރު

އިތުރަށް ←