ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ފުރަތަމަ ފަހަރަށް އޮޑި ބަލިކޮށް، ނިއުރޭޑިއަންޓުން އެފްއޭކަޕްގެ ސެމީއަށް

މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނިއުގެ ތަރި އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކެއް ހަދައިފައި -- ފޮޓޯ: އަދަދު ސްޕޯޓްސް
މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނިއުގެ ތަރި އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކެއް ހަދައިފައި -- ފޮޓޯ: އަދަދު ސްޕޯޓްސް

މި ސީޒަނުގައި މީގެ ކުރިން ކުޅުނު އެއްވެސް މެޗަކުން ބަލިނުކުރެވި އޮތް އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ. ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނިއުގެ ތަރި އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ނިއު އިން މި ސީޒަނުގައި މީގެ ކުރިން އޮޑިއާ ދެކޮޅަށް ލީގުގައި ދެ މެޗު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް މެޗު ކުޅުނު އިރު، އެއްވެސް މެޗަކުން މޮޅެއް ނުވެވެ އެވެ. ލީގުގެ ފުރަތަމަ މެޗުން ނިއު 1-0 އިން ބަލިވިއިރު، ދެން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން މިރޭގެ މޮޅަކީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި އަތުން ނިއު އަށް ލިބުނު ފުރަތަމަ މޮޅެވެ.

މެޗުގެ ކުރީކޮޅު އޮޑިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، 20 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ސެންޓޭ ޖެހި ގޯލާ އެކު ނިއު އިން މެޗުގެ ކޮންޓްރޯލް ހޯދި އެވެ. އޭގެ ނުވަ މިނިޓް ފަހުން ސެންޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ސެންޓޭގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގެ 61 ވަނަ މިނިޓްގަ އެވެ. ނިއުގެ ފަހު ލަނޑު 85 ވަނަ މިނިޓްގައި ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ.

މި މުބާރާތުގެ 12 ފަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ވަނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.

މިއީ 2017 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކުރި ފަހުން، ސަސްޕެންޝަނާ ހެދި މުބާރާތުގައި ބައިވެރިނުވެވި އޮތުމަށް ފަހު ނިއު އިން މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. ނިއު އިން މިފަހަރުގެ މުބާރާތާ ކުރިމަތިލީ އެ ކްލަބުގެ އާ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ގެ އިރުޝާދުގެ ދަށުންނެވެ. ކުރީގެ ކޯޗު އަލީ ސުޒޭން މިހާރު ހުރީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. އަދި މާދަމާރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.

ކުޅިވަރު

އިތުރަށް ←