ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

80 އަހަރުގެ އަންހެނަކު 6 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ވެއްޓި އަޖައިބުކުރުވަނިވި ގޮތަކަށް ސަލާމަތްވެއްޖެ

80 އަހަރުގެ އަންހެންމީހާ ވެއްޓުނު ކުޑަދޮރު ބޮޅު އަޅާފައި
80 އަހަރުގެ އަންހެންމީހާ ވެއްޓުނު ކުޑަދޮރު ބޮޅު އަޅާފައި

ރަޝިޔާގެ ޔެކަޓެރިންބާގު ސިޓީގައި ހިނގި ހައިރާންކުރުވަނިވި ހާދިސާއެއްގައި، 80 އަހަރުގެ އަންހެނަކު 6 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ވެއްޓި، އެއްވެސް ބޮޑު އަނިޔާއެއް ނުވެ ދިރި ހުރުމުން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. މިއަންހެން މީހާ އޭނާގެ އެޕާޓްމަންޓުގެ ކުޑަދޮރުތައް ސާފުކުރަމުން ދަނިކޮށް، ކުއްލިއަކަށް ބެލެންސް ގެއްލި، 6 ވަނަ ފަންގިފިލާއިން ތިރިއަށް ވެއްޓުނު މަންޒަރު ގިނަބަޔަކަށް ފެނުނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވެއްޓުނީ ތިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށެވެ. މި ނުރައްކާތެރި ހާދިސާ ސީސީޓީވީ ކެމެރާތަކުން ރެކޯޑުކުރެވި، އޭގެ ފަހުން ރަޝިޔާގެ ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔައެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކީ، ކާރުގެ މަތީގައި ޖެހުނުތާ މަދު ސިކުންތުތަކެއްގެ ތެރޭގައި، އެ އަންހެނާ ކާރުން ފައިބައިގެން ހިނގާފަ ދިޔަ ދިޔުމެވެ.

ރަޝިޔާގެ މީޑިއާ އައުޓްލެޓް އީ1.އާރުޔޫ އިން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަންހެނާގެ އަމިއްލަ އިހުމާލުންނެވެ. ފުލުހުން ވަނީ އެއްވެސް ކުށުގެ ޢަމަލެއްގެ ހެއްކެއް ނެތްކަން ކަށަވަރުކޮށްދީފައެވެ.

އޭނާގެ އުމުރަށް ބަލާއިރު، މިފަދަ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެފައިވާ ގޮތުން ސައިންސްވެރިންވެސް ތިބީ އަޖައިބުވެފައެވެ.

https://twitter.com/75secondes/status/1913111397560455508

ކާރުގެ ވެރިފަރާތުން ރަޝިޔާގެ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، "އޭނާގެ ކާރުގެ މައްޗަށް މީހަކު ވެއްޓިގެން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ކާރަށް ބޮޑު ގެއްލުމެއް ނުލިބުމުން އަޖައިބު ވެފައިވާ ކަމަށެވެ.

މި ހާދިސާއިން ދައްކުވައިދެނީ އިންސާނީ ހަށިގަނޑުގެ ނާޒުކުކަމާއި އެއާއެކު އޭގެ ހައިރާންކުރުވަނިވި ވަރުގަދަކަމެވެ. އަދި މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުން، އިތުރު ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ވެސް ހާމަވެގެންދެއެވެ.

މި ހާދިސާއާ ގުޅިގެން ޔެކަޓެރިންބާގު ސިޓީގެ ބައެއް ރައްޔިތުން ވަނީ އިމާރާތްތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ގޮވާލާފައެވެ.
ޚާއްޞަކޮށް މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

ލައިފްސްޓައިލް

އިތުރަށް ←