މުސްކުޅިވުމުގެ "ސިއްރު" ހޯދައިފި، އިންސާނާ މުސްކުޅިވަނީ މައިގަނޑު ހަތަރު މަގަކުން
އެކި މީހުން މުސްކުޅިވުމުގެ ދުވެލި ތަފާތުވާ ސަބަބު ހޯދުމަށް ސައިންސްވެރިން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ކޮންމެ އިންސާނަކުވެސް މުސްކުޅިވަނީ މައިގަނޑު ހަތަރު "ބަޔޮލޮޖިކަލް މަގަކުން" ކުރެ މަގަކުންނެވެ.
"އޭޖްއޯޓައިޕްސް" ގެ ނަމުން ނަންދީފައިވާ މި ހޯދުމަކީ ޕްރޮފެސަރ މައިކަލް ސްނައިޑަ އިސްވެ ހުންނަވައި، އުމުރުން 34 އަހަރާއި 68 އަހަރާ ދެމެދުގެ މީހުން ބައިވެރިކޮށްގެން ދެ އަހަރު ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިންގެ ހަށިގަނޑުގެ މޮލިކިއުލާ ބަދަލުތައް ދެނެގަނެ، އިންސާނުން މުސްކުޅިވާ ހަތަރު ގިންތިއެއް ވަނީ ކަނޑައަޅާފައެވެ. އެއީ:
Ads by BML-
މެޓަބޮލިކް އޭޖްއޯޓައިޕް: މި ގިންތީގެ މީހުން މުސްކުޅިވަނީ ކާނާ އާއި ހަކަތަ ބޭނުންކުރާ ނިޒާމުގެ ތެރެއިންނެވެ. މީގެ ސަބަބުން ހަކުރު ބައްޔާއި ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ.
-
އިމިއުން އޭޖްއޯޓައިޕް: މިއީ ދިފާއީ ނިޒާމު މުސްކުޅިވާ މީހުންނެވެ. މި މީހުންނަށް ބަލިބަލި ޖެހުމާއި ހަށިގަނޑު ދުޅަވުން (އިންފްލެމޭޝަން) ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
-
ހެޕަޓިކް އޭޖްއޯޓައިޕް: މި ގިންތީގެ މީހުންގެ މުސްކުޅިވުން ގުޅިފައިވަނީ ފުރަމޭއާއެވެ.
-
ނެފްރޮޓިކް އޭޖްއޯޓައިޕް: މިއީ ކިޑްނީ ނުވަތަ ގުރުދާގެ މަސައްކަތްތައް ދަށްވުމާ ގުޅުންހުރި މުސްކުޅިވުމެކެވެ.
މި ދިރާސާގެ އެންމެ އުންމީދީ ޚަބަރަކީ، މުސްކުޅިވުމަކީ ބަދަލު ނުކުރެވޭނެ "ވަން-ވޭ" ދަތުރެއް ނޫންކަން ސާބިތުވުމެވެ. ދިރިއުޅުމުގެ އާދަތަކާއި، ކެއިންބުއިމާއި، ކަސްރަތަށް ގެންނަ ހެޔޮ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި މަޑުޖައްސާލެވިދާނެކަން މި ދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ބައެއް މީހުންގެ ހަށިގަނޑުން ފެނުނު މުސްކުޅިވުމުގެ ނިޝާންތައް ދިރާސާ ނިމުނުއިރު ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.
ޕްރޮފެސަ ސްނައިޑަ ވިދާޅުވި ގޮތުގައި، އަމިއްލަ "އޭޖްއޯޓައިޕް" ދެނެގަތުމަކީ ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބޭ ރަން ފުރުސަތެކެވެ. އޭނާ އަމިއްލައަށް ވެސް މިހާރު ވަނީ މި ހޯދުމަށް ބިނާކޮށް ބަރު އުފުލުމުގެ ކަސްރަތުތައް ފަށައި، މުސްކުޅިވުމުގެ ދުވެލި މަޑުޖައްސާލުމުގައި ކާމިޔާބީ ހޯއްދަވާފައެވެ.
މި ހޯދުމާއެކު، މުސްކުޅިވުމާ ގުޅޭ ސިއްހީ ފަރުވާތަކަށް އައު އިންގިލާބެއް އަންނާނެ ކަމަށް ބެލެވެއެވެ. މިއީ މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ބަލިތަކަށް ފަރުވާ ކުރުމުގެ ބަދަލުގައި، ދުޅަހެޔޮކަންމަތީ ގިނަ ދުވަހު ދެމިތިބުމަށް މަގުފަހިކޮށްދޭނެ މުހިންމު ސައިންޓިފިކް ކުރިއެރުމެކެވެ.
Ads by MACL
