ވޯލްޑް ކަޕްގައި އީރާނު ކުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބޮތް: އިންފަންޓީނޯ
އިރާނާއި އެމެރިކާގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމާއި ހަނގުރާމައިގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އިރާން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯ މިހެން ވިދާޅުވީ، އިރާނުގެ އެންމެ މަތީ ލީޑަރު އަލީ ހާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިންތިހާއަށް ގޯސްވެ، އިރާނުން މުބާރާތުގައި ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހައްލެއް ނުފެނި ދިގުލައިދާއިރު، އިރާނުން ވަނީ އެ ގައުމުގެ ކުޅުންތެރިންގެ ސަލާމަތަށްޓަކައި މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ފީފާއިން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފައެވެ. އެހެންކަމުން، ގުރޫޕް ސްޓޭޖުގައި އިރާން ކުޅެންޖެހޭ ތިން މެޗުވެސް އޮންނާނީ އެމެރިކާގެ ފަސްގަނޑުގައެވެ.
Ads by BMLއިރާނުގެ ސަރުކާރުން އަދިވެސް މުބާރާތަށް ދާނެކަމުގެ ފައިނަލް ނިންމުމެއް ނުނިންމައެވެ. އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ދުންޔަމާލީ ވިދާޅުވީ، އިރާނުގެ ލީޑަރު އަވަހާރަކޮށްލާފައިވާ މިފަދަ ނާޒުކު ހާލަތެއްގައި، އެމެރިކާ އިސްވެ އޮވެ ހިންގާ "ކޮރަޕްޓް" ނިޒާމެއްގެ ތެރޭގައި ފުޓްބޯޅަ ކުޅުމުގެ މާހުލެއް މިވަގުތު ނެތް ކަމަށެވެ.
މިކަމާ ގުޅިގެން ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ސިޔާސީ ގޮތުން ކޮންމެ ފިއްތުމެއް އޮތް ނަމަވެސް އިރާން ވޯލްޑް ކަޕަށް އަންނަން ޖެހޭނެ ކަމަށެވެ. "އެމީހުން ވަނީ ކޮލިފައިވެފައި، ކުޅުންތެރިން ބޭނުންވަނީ ކުޅެން. އެއީ އެ ގައުމުގެ ރައްޔިތުން ތަމްސީލުކުރުން،" އިންފަންޓީނޯ ވިދާޅުވިއެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ޓްރަމްޕް ވިދާޅުވީ އިރާން ޓީމަށް އެމެރިކާއިން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، މިވަގުތުގެ މަސްރަހު އޮތްގޮތުން އެމެރިކާއަށް ދިއުމަކީ އިރާން ކުޅުންތެރިންގެ ފުރާނައަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ނުސީދާ އިންޒާރެއް ދެއްވާފައެވެ.
މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، ފީފާއިން މަސައްކަތް ކުރަމުންދަނީ އިރާން މުބާރާތުގައި ބައިވެރިކުރުވުމަށެވެ. އެކަމަކު ހަނގުރާމައިގެ ހާލަތާއި، ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އިރާންގެ ނިންމުން އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
Ads by MACL
