ޓޫއޮފްއަސް: އިންޑިއާގެ ބޮޑު ރިއަލިޓީ ޝޯގެ ސެމީ ފައިނަލަށް ދަތުރުކޮށް މުޅިރާއްޖެ ފަޚުރުވެރިކޮށްދީފި
އިންޑިއާގެ ބޮޑު ރިއަލިޓީ ޝޯ ބެޓްލް އޮފް ފަ ބޭންޑް އިންޓަރނޭޝަނަލްގެ ސެމީ ފައިނަލަށް ރާއްޖޭގެ ޓޫ އޮފް އަސް ހޮވިއްޖެއެވެ.
ރޭގެ ހުށަހެޅުމަށްފަހު މިއަދު ކުރިއަށްދިޔަ އެލިމިނޭޝަންގައި ރާއްޖޭގެ "ޓޫ އޮފް އަސް"ގެ އިތުރުން ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސްރީލަންކާގެ ބޭންޑް "ނައިޓްސް"، މޮރިޝަސްގެ ބޭންޑް "ނިކިލް އެންޑް ގޭންގް"، ތަޖަކިސްތާނުގެ "ދިލްސޭ"، ނޭޕާލްގެ "ސްވާސްތިކް" އަދި މޮރިޝަސްގެ "އެވާރނެޓްސް"އެވެ.
އިންޑިއާގައި ކުރިއަށްދާ ބައިނަލްއަގުވާމީ އެކި ބޭންޑުތަކުން ބައިވެރިވި ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގައި ދިވެހިރާއްޖެ އިން ތަމްސީލް ކުރަނީ ، "ޓޫ އޮފް އަސް" އެވެ
Ads by BMLޓޫއޮފްއަސް އިން ރޭގައި ހުށަހަޅައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރްޖިތް ސިންގ އަދި ޝްރެޔާ ގޮޝާލް ކިޔާފައިވާ 'ވޭކަމްލެޔާ'އެވެ. މިއީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.
ޓޫއޮފްއަސްގެ މި ހުށެހެޅުމަށް އިންޑިއާގެ ފުންނާބު އުސް ލަވަކިޔުންތެރިޔާ ސަލީމް މަރްޗަންދް ވެސް ވަނީ ތައުރީފްކޮށްފައެވެ.
"ވަރަށް އިމޯޝަނަލް, ވަރަށް ރީތި, ކާމިޔާބީއަށް އެދެން" ސަލީމް ބުންޏެވެ.
ރޭގެ ހުށަހެޅުމުގައި ޓޫއޮފްއަސްއިން އަމިއްލައަށް ހަދާފައިވާ ލަވައެއް ވެސް ވަނީ ކިޔާފައެވެ. އެ ލަވައިގެ ނަމަކީ 'ތޫ ލީރޭ'އެވެ. ލަވަކިޔުންތެރިޔާ އަދުހަމް ބުނިގޮތުގައި 'ވޭކަމްލެޔާ' ލަވައާއެކު 'ތޫ ލީރޭ' ހުށަހެޅުން އެއީ ނަގަން ޖެހުނު ރިސްކެއް ކަމަށެވެ.
މިކަމާއި ގުޅިގެން ޖަޖް ސަލީމް ބުނީ ރިސްކް ނެގުމަކީ ލަވަކިޔުންތެރިންނަށް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓޫއޮފްއަސް އިން ރިސްކް ނަގައިގެން ވެސް ހުށަހަޅައިދިން ލަވަ ވަރަށް ކަމުދިޔަ ކަމަށް ސަލީމް ބުންޏެވެ.
މިހާތަނަށް ޓޫއޮފްއަސް އިން މި މުބާރާތުގައި ދައްކާލާފައިވާ ހުރިހާ ހަރަކާތަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ޓޫއޮފްއަސްގައި ހިމެނޭ މެމްބަރުންނަކީ އަހުމަދު އަދުހަމް, މުހައްމަދު ނަސޫހު ބިން ނަސްރުއްދީން, އަބްދުﷲ ޝަމްރޫހު, އަހުމަދު ޖަޝީމް, އަދި އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)އެވެ.
މިއީ މިފަދަ ބޮޑު މުބާރާތެއްގައި ދިވެހި ބޭންޑެއް މިހާބޮޑު ކާމިޔާބެއް ހޯދި ފުރަތަމަ ފަހަރުއެވެ.
Ads by MACL
