ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ބޮލީވުޑްގެ "ކޮމެޑީ ނަންބަރު ވަން" ޑޭވިޑް ދަވަން ޑައިރެކްޝަނުން ރިޓަޔަރ ވަނީ

ބޮލީވުޑްގެ "ކޮމެޑީ ނަންބަރު ވަން" ޑޭވިޑް ދަވަން ---
ބޮލީވުޑްގެ "ކޮމެޑީ ނަންބަރު ވަން" ޑޭވިޑް ދަވަން ---

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ޑައިރެކްޓަރު ޑޭވިޑް ދަވަން އޭނާގެ އާ ފިލްމު "Hai Jawani Toh Ishq Hona Hai" އަށް ފަހު ޑައިރެކްޝަނުން ރިޓަޔަރ ވެދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ވީޑިއޯ އިންޓަވިއުއެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި، މި ފިލްމަށް ފަހު އޭނާ ދެން ހުންނާނީ ހަމައެކަނި އޭނާގެ ދަރިފުޅު ވަރުން ދަވަންގެ ބައްޕަގެ ގޮތުގައެވެ. ގާތްގަނޑަކަށް ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ ޑައިރެކްޝަނަށް އެނބުރި އަންނަ މި ފިލްމަކީ ސިއްހީ ހާލަތާއި އާއިލީ ޖަޒުބާތާ ގުޅުން ހުރި ވަރަށް އަމިއްލަ ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ބޮލީވުޑްގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، މިއީ ހަމައެކަނި އަމިއްލަ ޖަޒުބާތީ ޚަބަރަކަށް ވުރެ ބޮޑު ކަމެކެވެ. ސަބަބަކީ ޑޭވިޑް ދަވަން ފަދަ ފަންނާނަކު އިންޑަސްޓްރީއާ ވަކިވެއްޖެނަމަ، ބޮލީވުޑުން ގެއްލިގެންދާނީ ސިނަމާއަށް މީހުން އަންނަނީ ހަމައެކަނި ސޯޝަލް މީޑިއާ ސްޓައިލް ނުވަތަ ވެލިޑޭޝަން ހޯދަން ނޫން ކަން އެންމެ ރަނގަޅަށް ދެނެގަތް ޑައިރެކްޓަރެވެ. އޭނާއަކީ ބައެއް ފަހަރު މީހުން ސިނަމާއަށް އަންނަނީ ހަމައެކަނި ހިނިގަނޑެއް ޖަހާލައި، ވިސްލް އަޅައި، ދުނިޔޭގެ ހިތާމަތައް ތިން ގަޑިއިރަށް ހަނދާން ނައްތާލަން ކަން އެންމެ ބޮޑަށް ގަބޫލުކުރި އެކަކެވެ.

މިއަދުގެ ބޮލީވުޑް ވަރަށް ބޮޑަށް އަވަދިވެފައިވަނީ ފިލްމުތަކުގެ ޕެކޭޖިންގ އާއި ޕްރީމިއަމް ލުކް ހޯދުމަށެވެ. ކޮންމެ ފިލްމެއް ބޭނުންވަނީ ބޮޑު އިވެންޓެއްގެ ކުލަ ޖައްސާށެވެ. މިފަދަ "އޯވަތިންކިންގ" އެއްގެ ތެރޭގައި ޤައުމުގެ ހުރިހާ ކަންކޮޅުތަކުގެ އާއިލާތަކަށް ކަމުދާ، ލަދުނުގަންނަ، އަދި ސާދާ "ބްރޯޑް މާސް ކޮމެޑީ" ހެދުމުގެ ޔަޤީންކަން އިންޑަސްޓްރީގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޑޭވިޑް ދަވަންގެ ބާރަކީ ހަމަ މި ވައްތަރުގެ ފިލްމުތަކެވެ.

އޭނާގެ ސިނަމާއަށް އެލީޓް ފާޑުކިޔުންތެރިން އަބަދުވެސް ފާޑުކީ ނަމަވެސް، އާންމު ރައްޔިތުން އެ ފިލްމުތައް ވަގުތުން ބަލައިގަތެވެ. އިންޑަސްޓްރީން ޑާކް ޑްރާމާ އާއި އިންޓެންސިޓީ ރޮމާންޓިކް ކުރި ނަމަވެސް، މިލިއަނުން މީހުން ހެއްވުމަކީވެސް ވަރަށް އުނދަގޫ ކްރާފްޓެއް ކަމަށާއި، މިއީ މެއިންސްޓްރީމް ސިނަމާގައި އޮންނަ އެންމެ ދަތި އެއް ހުނަރު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

އެހެންކަމުން އޭނާ ވަކިވެއްޖެނަމަ އުފެދޭ އެންމެ ބޮޑު ސުވާލަކީ، މި ދަނޑިވަރުގައި އެ މަސްއޫލިއްޔަތު އުފުލާނީ ކާކުތޯއެވެ. ތިއޭޓަރަށް ޚާއްސަ ރިދަމް ދަންނަ، ސްޓާރެއްގެ ފިލްމެއް އަމިއްލަ ބޮޑާކަމުގައި ނުގެއްލޭނެހެން ހަދަން އެނގޭ، އަދި "ކޫލް" ވާން މަސައްކަތް ނުކޮށް އެންމެނަށް ކަމުދާ ފޯރިގަދަ ފިލްމެއް އުފައްދަން ދަންނަ ޑައިރެކްޓަރުން މިއަދު ވަރަށް މަދެވެ.

ޑޭވިޑް ފަދަ ޑައިރެކްޓަރުން ވަކިވާއިރު، ކޮމާޝަލް ހިންދީ ސިނަމާގެ މުޅި ގްރެމަރަކާއި، އެ ކޮންފިޑެންސް، އަދި އެ މިއުޒިކަލިޓީގެ ރޫޙު ވެސް ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ. "Hai Jawani Toh Ishq Hona Hai" އަކީ ބޮލީވުޑުން މިހާތަނަށް އަގުނުކޮށް ދޫކޮށްލާފައިވާ ކޮމާޝަލް ސްކޫލެއްގެ އެންމެ ފަހު ހަނދާނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑޭވިޑް ދަވަން ވަނީ ބޮލީވުޑަށް Coolie No.1, Hero No.1، އަދި Biwi No.1 ފަދަ މަޝްހޫރު ގިނަ "ނަންބަރު ވަން" ފިލްމުތަކެއް ދީފައެވެ. މިއީ ހަގީގަތުގައިވެސް އޭނާގެ ފަހު މަސައްކަތް ކަމުގައި ވެއްޖެނަމަ، އިންޑަސްޓްރީން އެއްޗެއް ސާފުކޮށް ޤަބޫލުކުރަން ޖެހެއެވެ. އެއީ މާސް ކޮމެޑީގެ އަސްލު ނަންބަރު ވަން އަކީ އޭނާ ކަމެވެ.

ލައިފްސްޓައިލް

އިތުރަށް ←