ޑިމެންޝިއާގެ ރިސްކު ކުޑަކުރަން 7-8 ގަޑިއިރުގެ ނިދި ބޭނުން: ދިރާސާ
ރޭގަނޑު ނިދާ ވަގުތާއި ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހުމާ ދެމެދު ގާތް ގުޅުމެއް އޮތްކަން ކުރިންވެސް އެނގިފައިވާއިރު، މި ބަލީގެ ނުރައްކާ އެންމެ ކުޑަވަނީ ދުވާލަކު 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދު ނިދުމުން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ކެނެޑާގެ ޔޯކް ޔުނިވަރސިޓީން 4.5 މިލިއަން މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ހެދި މި ދިރާސާއިން ހާމަވާގޮތުގައި، 7 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު 18 އިންސައްތަ އިތުރުވާއިރު، 8 ގަޑިއިރަށްވުރެ ގިނައިން ނިދާ މީހުންނަށް މި ނުރައްކާ 28 އިންސައްތަ އިތުރުވެއެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ބޭނުންވާ ވަރަށްވުރެ ގިނައިން ނިދުމަކީ ސިކުނޑީގެ ބަލިތައް ނުވަތަ އަލްޒައިމަރ ފެށިފައިވާކަމުގެ އަލާމާތަކަށް ވެސް ވެދާނެތީ، މާ ގިނައިން ނިދާނަމަ އެކަމަށް ސަމާލުވުން މުހިންމެވެ.
ނިދީގެ އިތުރުން ދުވާލަކު 8 ގަޑިއިރަށްވުރެ ގިނައިރު އެއްތަނެއްގައި އިށީނދެ ތިބުމާއި، ހަފްތާއަކު 150 މިނެޓަށްވުރެ މަދުން ކަސްރަތު ކުރުމަކީވެސް ޑިމެންޝިއާގެ ރިސްކު ބޮޑުތަނުން އިތުރުކޮށްދޭ ކަންކަމުގެ ގޮތުގައި މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުން ކަސްރަތު ކުރުމާއި ރަނގަޅު މިންވަރަށް ނިދުމުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުވުން ރަނގަޅުވެ، ނިއުރޯންތަކުގައި ހުންނަ ބޭކާރު މާއްދާތައް ސާފުކޮށްދޭތީ މިއީ ބަލި ޖެހުން ލަސްކޮށްދޭ ނުވަތަ ހުއްޓުވައިދޭ ކަމެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
ޕްލޮސް ވަން ޖަރނަލްގައި 2026 ވަނަ އަހަރު ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ މިފަދަ ހެޔޮ ބަދަލުތަކުގެ އެހީގައި ޑިމެންޝިއާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކޭސްތައް ހުއްޓުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
Ads by MACL
