ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކޮފީ ބުއިމުން އުމުރުން ދުވަސްވުމުގެ އަސަރުތަކުން ސެލްތައް ރައްކާތެރިކޮށްދޭ: ދިރާސާ

ކޮފީ ބުއިމުން އުމުރުން ދުވަސްވުމުގެ އަސަރުތަކުން ސެލްތައް ރައްކާތެރިކޮށްދޭ: ދިރާސާ

ހެނދުނު ބޯ އެއް ތަށި ކޮފީއަކީ ހަމައެކަނި ހޭލުންތެރިކަން ގެނުވައިދޭ ބުއިމެއް ނޫން ކަމަށާއި، އެއީ އުމުރުން ދުވަސްވުމުން ހަށިގަނޑު ރައްކާތެރިކޮށްދޭ ސެލިއުލަރ މެކޭނިޒަމެއް ހިންގައިދޭ އެއްޗެއްކަން އެމެރިކާގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޓެކްސަސް އޭ އެންޑް އެމް ޔުނިވަރސިޓީގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، ކޮފީގައި ހިމެނޭ ބައެއް މާއްދާތައް ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި ހުންނަ NR4A1 ނަމަކަށް ކިޔާ ރިސެޕްޓަރއަކާ ސީދާ ގުޅި އެކްޓިވޭޓް ކުރެއެވެ.

މީގެ ކުރިން ހެދިފައިވާ ބޮޑެތި ދިރާސާތަކުން ވެސް ގަވާއިދުން ކޮފީ ބޯ މީހުންނަށް ހަކުރު ބައްޔާއި، ހިތުގެ ބަލި، އަދި ބައެއް ކެންސަރުތައް ޖެހުމުގެ ނުރައްކާ ކުޑަވެ، އުމުރު ދިގުވާކަން ފާހަގަކުރެވިފައިވާއިރު، އާ ހޯދުމުގެ ސަބަބުން މިކަން މެދުވެރިވާ ސައިންޓިފިކް ސަބަބު މިވަނީ އިތުރަށް ސާފުވެފައެވެ.

ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ސްޓީފަން ސޭފް ވިދާޅުވީ، ކޮފީގެ ސަބަބުން މި ރިސެޕްޓަރ އެކްޓިވްވުމުން، ސްޓްރެސްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ ސެލްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމަށެވެ.

NR4A1 އަކީ ހަށިގަނޑަށް ލިބޭ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ޖީންތަކުގެ މަސައްކަތް ބަދަލުކޮށްދޭ މުހިންމު ރިސެޕްޓަރއަކަށް ވާއިރު، މީހާ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގައި މި މާއްދާ ހުންނަ މިންވަރު މަދުވާކަން ސައިންސްވެރިން ފާހަގަކުރެއެވެ.

ލެބޯޓްރީގައި މީދާ ބޭނުންކޮށްގެން ހެދި ޓެސްޓްތަކުން ވެސް NR4A1 ރިސެޕްޓަރ ރަނގަޅަށް ހުރި މީދަލުގެ އުމުރު ދިގުކަން ފެނިފައިވާތީ، މިއީ އުމުރު ދިގުވުމާ ސީދާ ގުޅުންހުރި ކަމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ކޮލަމްބިއާ އަދި ގުއަޓެމާލާގެ ކޮފީ ބޭނުންކޮށްގެން ހެދި މި ޓެސްޓްތަކުގައި، ކޮފީގައި ހިމެނޭ ކެފިކް އެސިޑް، ކްލޮރޮޖެނިކް އެސިޑް، އަދި ކަހްވިއޯލް ފަދަ މާއްދާތައް މި ރިސެޕްޓަރއާ ވަރަށް ބާރަށް ގުޅޭކަން ވަނީ ހާމަވެފައެވެ.

މުހިންމު ނުކުތާއަކީ ކެފެއިންއަށްވުރެ ބޮޑަށް، ކޮފީގައި ހުންނަ ޕޮލިފެނޯލްތަކުގެ އަސަރު މާ ބޮޑުކަމެވެ. އެހެންކަމުން ކެފެއިން ނުހުންނަ "ޑީކެފް" ކޮފީ ބުއިމުން ވެސް މި ސިއްހީ ފައިދާ ލިބިދޭނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

މި ދިރާސާގައި ކެންސަރު ސެލްތަކަށް ކޮފީގެ މާއްދާތައް ދިނުމުން އެ ސެލްތައް އިތުރުވުން ލަސްވެ، އިންފްލެމޭޝަން ނުވަތަ ދުޅަވުން ވަރަށް ބޮޑަށް ދަށްވިކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ އަދި އިބްތިދާއީ ހޯދުމެކެވެ. މި ޓެސްޓްތައް ހަދާފައިވަނީ ސެލް ކަލްޗަރުތަކުގައި ކަމަށްވާތީ، އިންސާނުންގެ ހަށިގަނޑުގައި މިކަން ހިނގާގޮތް އިތުރަށް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މި މުހިންމު ދިރާސާގެ ހޯދުންތައް މިހާރު ވަނީ މަޝްހޫރު ސައިންޓިފިކް ޖަރނަލެއް ކަމަށްވާ "ނިއުޓްރިއަންޓްސް" ގައި ޝާއިއުކޮށްފައެވެ.

ލައިފްސްޓައިލް

އިތުރަށް ←