"ދުރަންދަރް" މައްސަލަ: އާދިތްޔަ ދަރްއާ ދެކޮޅަށް އިތުރަށް ވާހަކަ ނުދައްކާނެ ކަމަށް ސަންތޯޝް ކުމާރު ކޯޓުގައި ބުނެފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ދުރަންދަރް: ދަ ރިވެންޖް" އާ ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގައި، ފިލްމުގެ ޑައިރެކްޓަރ އާދިތްޔަ ދަރްއާ ދެކޮޅަށް އިތުރަށް އާންމުކޮށް ވާހަކަ ނުދައްކާނެ ކަމަށް ފިލްމްމޭކަރު ސަންތޯޝް ކުމާރު އާރް.އެސް ބޮމްބޭ ހައިކޯޓުގައި އެއްބަސްވެއްޖެ އެވެ.
ސަންތޯޝްގެ ވަކީލު ކޯޓުގައި ވިދާޅުވީ، މި މައްސަލައިގައި ދެން އާންމުކޮށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށާއި، މި ކަމުގައި ދެން ހައްލު ހޯދާނީ ގާނޫނީ މަގުން ކަމަށެވެ. އަދި މީގެ ކުރިން އޭނާ ދެއްކި ވާހަކަތަކަކީ ޚާއްސަކޮށް އާދިތްޔަ ދަރްއަށް އަމާޒުކޮށްގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވަޢުދެއް އެންމެންގެ މައްޗަށް އެއްގޮތަކަށް ތަންފީޒު ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، އާދިތްޔަގެ އަގު ވެއްޓޭ ފަދަ ނުވަތަ އޭނާ ބަދުނާމުވާ ފަދަ އެއްވެސް ބަހެއް އިތުރަށް ނުބުނާނެ ކަމަށް ސަންތޯޝް ދިން ޔަގީންކަން ކޯޓުން ވަނީ ރަސްމީކޮށް ރެކޯޑުކޮށްފަ އެވެ.
އަނެއްކޮޅުން އާދިތްޔަ ދަރްގެ ގާނޫނީ ޓީމުން ވަނީ މީގެ ކުރިން ކުރި ތުހުމަތުތަކަށް ސަންތޯޝް އާންމުކޮށް މާފަށް އެދުމަށް ބާރުއަޅާފަ އެވެ. އެ ފަރާތުން ބުނި ގޮތުގައި މީހެއްގެ އަބުރަށް ހުތުރުވާ ފަދަ ތުހުމަތުތައް އާންމުކޮށް ކުރުމަކީ އޭގެ ސަބަބުން އެ މީހެއްގެ މަސައްކަތަށާއި އަގަށް ސީރިއަސް ގެއްލުންތަކެއް ލިބޭނެ ކަމެކެވެ.
ނަމަވެސް ސަންތޯޝްގެ ފަރާތުން ވަނީ މި ވަގުތު މާފަށް އެދުމަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާ ކުރާ ދައުވާއަށް ބޭނުންވާ ހެކިތައް އޭނާގެ އަތުގައި އެބަހުއްޓެވެ. މިއާއެކު ކޯޓުން ވަނީ އިންޓެރިމް ޕެޓިޝަން ނިންމާލައި، އިތުރަށް ފިތުނަވެރި ނުވަތަ ގެއްލުން ލިބިދާނެ ފަދަ ބަސްތައް ބޭނުން ނުކުރުމަށް ސަންތޯޝްއަށް ސާފުކޮށް އަންގާފަ އެވެ.
މި މައްސަލަ ފެށިގެން އައީ "ދުރަންދަރް" އަކީ ސަންތޯޝް ކުރިން "ޑީ ސާހެބް" ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް އޭނާ ކުރި ތުހުމަތާ ގުޅިގެންނެވެ. އާދިތްޔަ ދަރް ވަނީ އެ ތުހުމަތުތައް އަނބުރާ ގެންދިއުމަށް ކުރިން ގާނޫނީ ނޯޓިސް ފޮނުވާފަ އެވެ. އެއަށް ޖަވާބެއް ނުލިބުމުން، އޭނާގެ މަސައްކަތުގެ ޝަރަފަށް ގެއްލުން ލިބޭ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
މި ހުރިހާ ގާނޫނީ ހަމަނުޖެހުންތަކެއްގެ ތެރޭގައި ވެސް، "ދުރަންދަރް: ދަ ރިވެންޖް" އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. މި ފިލްމަކީ މިހާރު ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބި، އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Ads by MACL
