ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް އިއުލާނުކޮށްފި

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ވ) އާއި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރ ކައްޕި ---
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ވ) އާއި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރ ކައްޕި ---

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ފުޓްސަލްގެ އާ އޮނިގަނޑެއްގެ ދަށުން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމައި، މުބާރާތް ކުރިއަށްގެންދާނެ ފޯމެޓު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ހާމަކޮށްފިއެވެ.

މި މުބާރާތާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ސޯޝަލް މީޑިއާގައި ވިދާޅުވީ، މުބާރާތް ކުރިއަށްދާނީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ބެހިފައިވާ އުސޫލުން މައިގަނޑު ހަތަރު ރީޖަނަކަށް ބަހާލައިގެން ކަމަށެވެ. މިއީ ރަށްރަށުގެ ޓީމުތަކަށް ސީދާ އަމާޒުކޮށްގެން އެފްއޭއެމުން މި ފޯމެޓަށް ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތް ބެހިފައިވާ ރީޖަންތައް:

ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.

ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅު.

ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.

މާލެ ރީޖަން: މާލޭގެ ފަސްޓް، ސެކަންޑް އަދި ތާޑް ޑިވިޝަނުގެ ކްލަބުތައް.

ތޯރިގު ފާހަގަކުރެއްވި ގޮތުގައި މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ރަށެއްގައި ހުރި ކުޅުންތެރިއަކަށްވެސް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމެވެ. އަދި މި ވާދަވެރިކަމުގެ ތެރެއިން ގައުމީ ފުޓްސަލް ޓީމަށް ކުޅުންތެރިން ހޮވައި، ކުރިއަށް އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް މަގުފަހިކުރުމަކީވެސް އަމާޒެކެވެ.

މި އަހަރުގެ ބަޖެޓުގައި ފުޓްސަލްގެ ކަންކަމަށް 2.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ ކުރިން 2017 އަދި 2019 ވަނަ އަހަރުވެސް އެފްއޭއެމުން ވަނީ އެކި ނަންނަމުގައި ފުޓްސަލް މުބާރާތްތައް ބާއްވައިފައެވެ. ނަމަވެސް، މިފަހަރުގެ މުބާރާތަކީ މުޅި ރާއްޖެ ޝާމިލުވާހެން ފުޅާ ދާއިރާއެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

 

ކުޅިވަރު

އިތުރަށް ←