ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އޭއައި މެދުވެރިކޮށް އެއް މިނެޓުން ރެސްޓޯރަންޓެއް ހުޅުވޭނެ ގޮތް މާކް ލޯރް ދައްކާލައިފި

މަޝްހޫރު އީކޮމާސް ވިޔަފާރިވެރިޔާ މާކް ލޯރް ---
މަޝްހޫރު އީކޮމާސް ވިޔަފާރިވެރިޔާ މާކް ލޯރް ---

އޭއައި ބޭނުންކޮށްގެން އެއް މިނެޓުން ރެސްޓޯރަންޓެއް ހުޅުވާލެވޭނެ ނިޒާމެއް މަޝްހޫރު އީކޮމާސް ވިޔަފާރި ވެރިޔާ މާކް ލޯރް ތައާރަފްކޮށްފިއެވެ.

އެމެޒޯން އަދި ވޯލްމާޓަށް ކުރީގެ ސްޓާޓަޕްތައް ބޮޑު އަގުގައި ވިއްކާލި މަޝްހޫރު އީކޮމާސް ވިޔަފާރިވެރިޔާ މާކް ލޯރް ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މިހާރު ކޮންމެ މީހަކަށްވެސް އެންމެ މިނެޓެއްހާ އިރުގެ ތެރޭގައި އަމިއްލަ ރެސްޓޯރަންޓް ބްރޭންޑެއް އުފައްދައި ބާޒާރަށް ނެރެވޭނެއެވެ. މިއީ އޭނާގެ މިހާރުގެ ވެންޗަރު ކަމަށްވާ "ވަންޑަރ" އިން ތައާރަފްކުރާ "ވަންޑަރ ކްރިއޭޓް" ގެ މައިގަނޑު މަގްސަދެވެ. މި ނިޒާމުގެ ދަށުން އުފައްދާ ވާޗުއަލް ރެސްޓޯރަންޓްތައް ވަގުތުން ވަންޑަރގެ ޓެކްނޮލޮޖީ ބޭނުންކުރާ ސަތޭކަ ވިހި ކިޗަން ހިމެނޭ ނެޓްވޯކާ ގުޅިގެންދާނެއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި އަދަދު ހަތަރުސަތޭކައަށް އިތުރުކުރުމަށް ވަނީ ރާވާފައެވެ.

މި ކިޗަންތަކަކީ އާދައިގެ ބަދިގެތަކެއްގެ ބަދަލުގައި "ޕްރޮގްރާމަބަލް ކުކިން ޕްލެޓްފޯމްތަކެއް" ކަމަށް ލޯރް ސިފަކުރައްވައެވެ. އެއް ކިޗަނަކުން ފަންސަވީސް ވައްތަރުގެ ތަފާތު ކުއިޒީންތައް ތައްޔާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަންތަނަކީ މުޅިންވެސް އިލެކްޓްރިކް އަދި ރޮބޮޓިކް ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަނެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ހާމަކުރެއްވި ގޮތުގައި، މި ކިޗަންތަކުގައި ހަތްސަތޭކައަށް ވުރެ ގިނަ އިންގްރީޑިއަންޓްގެ ލައިބްރަރީއެއް އޮވެއެވެ. އަދި ކޮންމެ ތަނެއްގައި ބާރަ މުވައްޒަފުންގެ އިތުރުން ކޮންވޭޔަރާއި ރޮބޮޓިކް އަތްތައް ބޭނުންކޮށްގެން ކާނާ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

ވަންޑަރ ކްރިއޭޓް މަސައްކަތްކުރާ ގޮތަކީ އޭއައި ޕްރޮމްޕްޓެއް ބޭނުންކޮށްގެން "ޝޮޕިފައި" ފަދަ ޕްލެޓްފޯމެއް ހިންގުން ކަމަށް ލޯރް ބުންޏެވެ. ބޭނުންވާ ރެސްޓޯރަންޓްގެ ވައްތަރު ލިޔެލުމުން، އޭއައި އިން އެންމެ މިނެޓެއްގެ ތެރޭގައި ރެސްޓޯރަންޓުގެ ނަން، ބްރޭންޑިން، ފޮޓޯ، އަދި އަގުތަކުގެ އިތުރުން ރެސިޕީތައްވެސް ތައްޔާރުކޮށްދެއެވެ. މިކަންކަން ފުރިހަމަވުމުން، އެއްފަހަރާ ވަންޑަރގެ ހުރިހާ ލޮކޭޝަނެއްގައި އެ ބްރޭންޑް ލައިވްކޮށް ވިޔަފާރި ފެށޭނެއެވެ. ލޯރްގެ އަމާޒަކީ ދެހާސް ތިރީސް ފަސް ވަނަ އަހަރާ ހަމައަށްދާއިރު، އެއް ކިޗަނަކުން އެއްހާސް ތަފާތު ރެސްޓޯރަންޓް ބްރޭންޑް ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްލެޓްފޯމަކީ ފުޑް އެންޓްރެޕްރެނިއަރުންނަށާއި، އަމިއްލަ ފޮލޯވަރުންގެ ބޭނުން ހިފައިގެން ވިޔަފާރި ކުރަން ބޭނުންވާ އިންފްލުއެންސަރުންނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން ޕާސަނަލް ޓްރެއިނަރުންނަށް ހާއްސަ ހެލްތީ ކެއުންތައް ވިއްކުމަށާއި، ބޮޑެތި ކުންފުނިތަކުން ފިލްމު ފަދަ ތަކެތި އިޝްތިހާރު ކުރުމަށް ވަގުތީ ރެސްޓޯރަންޓްތައް ހެދުމަށްވެސް މި ނިޒާމު ބޭނުންކުރެވިދާނެއެވެ. ލޯރް ގަބޫލުކުރައްވާ ގޮތުގައި މިއީ ކޮންމެ މީހަކަށްވެސް ރެސްޓޯރަންޓް ވިޔަފާރިއަށް ވަނުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

ނަމަވެސް، މީގެ ކުރިން ބައެއް ވާޗުއަލް ކިޗަންތައް ނުވަތަ "ގޯސްޓް ކިޗަން" ތައް ފެއިލްވެފައިވާކަން ލޯރް ފާހަގަކުރިއެވެ. އޭގެ މައިގަނޑު ސަބަބަކީ ކާނާގެ ފެންވަރު ހިފެހެއްޓުމަށް ދިމާވި ގޮންޖެހުންތަކެވެ. ވަންޑަރ އިން މިކަން ހައްލުކުރަނީ އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ކާނާ ތައްޔާރުކޮށްގެންނެވެ. މިވަގުތު އަމާޒު ހިފާފައިވަނީ ބާގަރ، ޗިކަން ވިންގްސް އަދި ހެލްތީ ބޯލްތައް ފަދަ ތަކެއްޗަށެވެ. ސަބަބަކީ ސުޝީ ކެނޑުން ފަދަ ނާޒުކު މަސައްކަތްތައް އަދި ރޮބޮޓްތަކަށް ފުރިހަމައަށް ނުކުރެވޭތީއެވެ.

މި ވިޔަފާރި ފުޅާކުރުމުގެ ގޮތުން ވަންޑަރ އިން ވަނީ ދާދިފަހުން މަޝްހޫރު ޑެލިވަރީ ކުންފުނި "ގްރަބްހަބް" އާއި "ބްލޫ އެޕްރަން" ގެ އިތުރުން "ބްލޫ ރިބަން ފްރައިޑް ޗިކަން" ވެސް ގަނެފައެވެ. މި އެކްއިޒިޝަންތަކުގެ އެހީގައި ކުދި ބްރޭންޑްތައް ގަނެ، އެއްރޭގެ ތެރޭގައި އެއްހާހަށް ވުރެ ގިނަ ލޮކޭޝަނަށް އެ ބްރޭންޑްތައް ފުޅާކޮށްލުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ލޯރް ވިދާޅުވިއެވެ. އޭނާގެ އުންމީދަކީ ރޮބޮޓިކްސްގެ އެހީގައި ކުޑަ ޖާގައެއްގައި އެތައް މިލިއަން ކެއުމެއް ތައްޔާރުކުރެވޭނެ ވަސީލަތްތައް ގާއިމްކުރުމެވެ.

ލައިފްސްޓައިލް

އިތުރަށް ←