ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ ފުޓްސަލް އާ އުސްމިންތަކަކަށް ގެންގޮސް، މި ކުޅިވަރު ވަރުގަދަކުރުމުގެ މަގުސަދުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސްއާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކްލަބް މޯލްޑިވްސްއިން އިންތިޒާމްކުރާ މަގުބޫލް ދެ މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "18/30 ފުޓްސަލް ފިއެސްޓާ" އަކީ އެފްއޭއެމްއިން ގަބޫލުކުރާ އެސޯސިއޭޝަންގެ ރަސްމީ އެންޑޯސްމަންޓް ލިބިފައިވާ މުބާރާތްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މިއަހަރުން ފެށިގެން އަތޮޅު ފެންވަރުގަޔާއި ރީޖަނަލް ފެންވަރުގައި ބާއްވާ ފުޓްސަލް މުބާރާތްތައް އިންތިޒާމްކުރުމުގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
މި އާ ނިޒާމުގެ ދަށުން ރީޖަނަލް މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް އަންނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުން ޖާގަ ލިބިގެންދާނެއެވެ. މިއީ ރާއްޖޭގައި ރަސްމީ ފުޓްސަލް ލީގެއް އުފެއްދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ދެ ފަރާތުން ވެސް ގަބޫލުކުރެއެވެ.
Ads by MACL
