ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޖޫނިއާ ބިލީ ޖީން ކިންގް ކަޕް ފައިނަލް ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ޓީމު ކަޒަކިސްތާނަށް

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސް، އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފިކޭޝަނުގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓެނިސް ޓީމުގެ ކުޅުންތެރިނާއި، ކޯޗު އަދި ކެޕްޓަން - ޕޮޓޯ: ޕީއެސްއެމް ނިއުސް
ބިލީ ޖީން ކިންގް ކަޕް ޖޫނިއާސް، އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފިކޭޝަނުގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓެނިސް ޓީމުގެ ކުޅުންތެރިނާއި، ކޯޗު އަދި ކެޕްޓަން - ޕޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ ޓެނިހުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު، ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ އޭޝިއާ/އޯޝޭނިއާ ޒޯންގެ ފައިނަލް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމު ކަޒަކިސްތާނަށް ގޮސްފިއެވެ.

މި މަހުގެ 11 އިން 16 އަށް ކަޒަކިސްތާނުގެ ޝިމްކެންޓުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ މަންހާ މުހައްމަދު، އައިޝަތު ކަރިން ސައިޒާން އަދި ކިޔާރާ އުސާމާ އަލީއެވެ. ޓީމުގެ މެނޭޖަރަކީ އައިމިނަތު އިރުފާ މާހިރު ކަމަށްވާއިރު، ކެޕްޓަނެއްގެ ގޮތުގައި އިރުޝާދު ދޭނީ ގައުމީ ކޯޗު، އީރާނުގެ އަލީ ރިޒާއެވެ.

މި މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އަލީ ރިޒާ ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި ތަޖުރިބާ ހޯދަން ކުރާ ދަތުރެއް ނޫނެވެ. އޭޝިއާގެ އެންމެ ވަރުގަދަ ގައުމުތައް ކަމަށްވާ ޖަޕާން، ޗައިނާ، ކޮރެއާ އަދި އިންޑިއާ ފަދަ ގައުމުތަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ތިބީ ސަތޭކަ ޕަސެންޓް ދީގެން ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ.

ކޯޗު އިތުރަށް ބުނީ މުބާރާތުގައި ވާދަކުރާ ބައެއް ގައުމުތަކުގައި ޑަބްލިއުޓީއެފް ރޭންކިންގެ ގަދަ ކުޅުންތެރިން ތިބި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަރަށް ބުރަ މަސައްކަތް ކުރާނެ ކަމަށާއި، އަމާޒަކީ ދެވޭ އެންމެ ދުރަކަށް ދިއުން ކަމަށެވެ.

ފައިނަލް ކޮލިފައިންގެ މި ތާރީޚީ ޖާގަ ރާއްޖެއަށް ކަށަވަރުވީ މިދިޔަ މާޗް މަހު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރީ ކޮލިފައިން މުބާރާތުގެ ތިންވަނަ ހޯދައިގެންނެވެ. އެ މުބާރާތުގައި ނަބާ ނިޝާން، މަންހާ މުހައްމަދު އަދި ކިޔާރާ އުސާމާ އަލީ ވަނީ ތައުރީފު ހައްގު މޮޅު ކުޅުމެއް ދައްކާފައެވެ.

އަންހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގޮތުގައި މަޝްހޫރުވެފައިވާ މި މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އާއި އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގުޅިގެން 16 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންނަށް ބާއްވާ އެންމެ ޝަރަފުވެރި ބައިނަލްއަގްވާމީ ޓީމު އިވެންޓެވެ.

ކުޅިވަރު

އިތުރަށް ←