ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަން އަންނަ މަހު ފަށަނީ: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ ވޮލީބޯޅަ ލީގުގައި  ޕޮލިސް ކުލަބް އާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗްގެ ތެރެއިން--- ފޮޓޯ: ވީއޭއެމް
ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބް އާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗްގެ ތެރެއިން--- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޜަންގައި ވާދަކުރުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ. މުބާރާތުގެ ކުޅުން ފިރިހެން އަދި އަންހެން ޑިވިޜަންތަކަށް ވަކިވަކިން ކުރިއަށްދާނެ ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ވޮލީބޯލް އެސޯސިއޭޝަންގެ މެމްބަރޝިޕް އޮތް ފަރާތްތަކުގެ އިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅިވަރު ކްލަބްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ. އެސޯސިއޭޝަނުން ބުނި ގޮތުގައި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އެވެ. ޓީމު ލިސްޓާއި ބައިވެރިވުމުގެ ފޯމުތައް ހުށަހަޅަންޖެހޭނީ އެސޯސިއޭޝަންގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށެވެ.

ވީއޭއެމްގެ އިއުލާނާއެކު މިހާރު ވަނީ މުބާރާތުގެ ގަވާއިދާއި ފޯމުތައް އާންމުކޮށްފައެވެ. މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އެސޯސިއޭޝަންގެ ނަންބަރު 3317015 އަށް ގުޅުއްވުމަށް ވީއޭއެމް އިން އިރުޝާދުދެއެވެ.

ކުޅިވަރު

އިތުރަށް ←