ބެޑްމިންޓަންގެ ޒުވާން ތަރިން ސީނިއާ ލެވެލްއަށް: ގައުމީ މުބާރާތުގެ އުސޫލުތަކަށް ބޮޑު ބަދަލެއް
ބެޑްމިންޓަންގެ ހަގު އުމުރުފުރާގެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގެ ސީނިއާ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމައި، މިއަހަރުގެ ގައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޮނިގަނޑަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބޮޑު ބަދަލެއް ގެނެސްފިއެވެ.
ބީއޭއެމްގެ ރައީސް އިޝްފާން މުހައްމަދު ވިދާޅުވި ގޮތުގައި، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި ބަދަލު ގެނައީ ޒުވާން ކުޅުންތެރިންނަށް އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ވާދަކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ކުޑަވުމުންނެވެ. މީގެ މައިގަނޑު އެއް މަގްސަދަކީ އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޒުވާން ކުޅުންތެރިން މިހާރުއްސުރެ ތައްޔާރުކޮށް ވަރުގަދަ ޓީމެއް ބިނާކުރުމެވެ.
މިހާރު ކުރިއަށްދާ އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ މި އަމާޒަށް ވާސިލްވުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި، އަންނަ އޮކްޓޫބަރު މަހު ބާއްވާ ގައުމީ މުބާރާތުގައިވެސް މި އުސޫލަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް އިޝްފާން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވައި، މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ހުނަރުވެރިން ދެނެގަތުމަކީވެސް އެސޯސިއޭޝަނުގެ ބޮޑު އިސްކަމެކެވެ.
ޒުވާން ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނަށް ނެރުމަށް ކުރާ މަސައްކަތުގެ ދަށުން، ޖޫން މަހުގެ ފަހުކޮޅު ޖަޕާނުގައި އޮންނަ "ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް 2026" އަށް ކުޅުންތެރިން ތައްޔާރުވުމަށް މި މުބާރާތްތައް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. އެސޯސިއޭޝަނުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ހޯދައިދިނުމެވެ.
މާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މިހާރު ކުރިއަށްދާ މުބާރާތުގައި ސްކޫލްތަކުގެ އިމްތިހާނާ ދިމާވުމުން ކުޅުންތެރިންގެ އަދަދު އުންމީދު ކުރިވަރަށްވުރެ މަދުވި ނަމަވެސް، އޭދަފުށި، ނައިފަރު، އައްޑޫ ސިޓީ އަދި މާލޭގެ އެކަޑަމީތަކުން އަންނަނީ ވަރަށް ފޯރީގައި ވާދަކުރަމުންނެވެ. މިހާރުވެސް ބައެއް ކެޓަގަރީތަކުގެ ފައިނަލް މެޗުތައް ނިމިފައިވާއިރު، ޖޫނިއާ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުރިއެރުމާމެދު އެސޯސިއޭޝަނުން ބޮޑު ހިތްހަމަޖެހުމެއް ފާޅުކުރެއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުތައް ހިމެނޭހެން ހުރިހާ އުމުރުފުރާތަކަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ބީއޭއެމްގެ އުންމީދަކީ މި ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަގުބަލު އިތުރަށް އުޖާލާވެގެން ދިއުމެވެ.
Ads by MACL
