ވޯލްޑް ކަޕަށް އެކުލަވާލި ބްރެޒިލްގެ ޕްރޮވިޝަނަލް ސްކޮޑުގައި ނޭމާ ހިމެނުނުއިރު، އެސްޓެވާއޯ ބާކީވެއްޖެ
އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލްގެ ހެޑް ކޯޗު ކާލޯ އަންޗެލޮޓީ އެކުލަވާލި 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުގައި ތަޖުރިބާކާރު ފޯވާޑް ނޭމާ ހިމެނުނުއިރު، އަނިޔާގެ ސަބަބުން ޒުވާން ތަރި އެސްޓެވާއޯ ވިލިއަން މިފަހަރުގެ ސްކޮޑުން ބާކީވެއްޖެއެވެ.
ނޭމާ ސްކޮޑަށް އެނބުރި އައުމަކީ ސަޕޯޓަރުންނަށް ލިބުނު އުންމީދަކަށް ވީ ނަމަވެސް، ޗެލްސީއަށް ބަދަލުވާން ތައްޔާރުވަމުންދާ އެސްޓެވާއޯއަށް ކުރިމަތިވި އަނިޔާއާއެކު އޭނާ ވަނީ މުބާރާތުން މުޅިން މަހްރޫމްވެފައެވެ.
އުމުރުން 34 އަހަރުގެ ނޭމާ ޕްރޮވިޝަނަލް ސްކޮޑުގައި ހިމެނި ނަމަވެސް، އޭނާއަށް ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބޭނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޯޗު އަންޗެލޮޓީ ބްރެޒިލްގެ ރައީސް ލޫލާއާ މަޝްވަރާކުރައްވާފައިވާއިރު، ރައީސް ލޫލާ ވެސް ވަނީ ނޭމާގެ ހުނަރަށް ތައުރީފުކުރައްވައި، ނަމަވެސް އޭނާގެ ފިޓްނަސް ހުރި މިންވަރަކަށް ބެލުމަށާއި މެސީ ނުވަތަ ރޮނާލްޑޯ ފަދަ ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަން (ސީބީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، އެސްޓެވާއޯގެ އަނިޔާ މުބާރާތް ފެށޭއިރު ރަނގަޅު ނުވާނެތީ އޭނާ ވަނީ ސްކޮޑުން ބާކީކޮށްފައެވެ. މުބާރާތުގެ ނޮކްއައުޓް މަރުހަލާއަށް ވެސް އޭނާ ފިޓްވާނެ ކަމުގެ އުންމީދެއް ނެތުމުން، ކޯޗު ނިންމާފައިވަނީ އެސްޓެވާއޯގެ ބަދަލުގައި އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.
އެސްޓެވާއޯ ނެތްތަން ފޫބެއްދުމަށް އަންޗެލޮޓީ ދަނީ ފްލެމެންގޯގެ ފޯވާޑް ޕެޑްރޯ އާއި ޒުވާން ކުޅުންތެރިޔާ ރަޔާންއާ މެދު ވިސްނަމުންނެވެ. މިޑްފީލްޑްގައި ކަސެމީރޯ އާއި ބްރޫނޯ ގިމަރޭޒް ފަދަ ވަރުގަދަ ކުޅުންތެރިން ތިބުމުން، ޒުވާން އަންދްރޭ ސަންތޯސްއަށް ޖާގަ ލިބުމުގެ ފުރުސަތު ކުޑަ ކަމަށް ބެލެވެއެވެ.
ބްރެޒިލްގެ ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހޯމަ ދުވަހު ރިއޯ ޑި ޖެނީރޯގައެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން ޕެނަމާ އަދި އިޖިޕްޓާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ. ބްރެޒިލްގެ ފުރަތަމަ މެޗުގައި ނިއު ޖާޒީގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
Ads by MACL
