ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ވޯލްޑްކަޕްގެ ވިސާ މައްސަލައިގައި ފީފާ އާއި އިރާން ބައްދަލުކުރަނީ

ވޯލްޑްކަޕްގެ ވިސާ މައްސަލައިގައި ފީފާ އާއި އިރާން ބައްދަލުކުރަނީ

އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނު ޓީމުގެ ކުޅުންތެރިންނަށް ވިސާ ނުލިބޭ މައްސަލަ ބޮޑުވެ، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފީފާ އާއި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މާދަމާ ބައްދަލުކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތޭޖް ވިދާޅުވީ، މުބާރާތް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ވިސާއަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ވިސާ ލިބެނީ ކޮން ބަޔަކަށްތޯ ނުވަތަ ރިޖެކްޓްވީ ކޮން ބަޔަކަށްތޯ ވެސް މިހާތަނަށް އެނގިފައިނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިރާނުން މިފަހަރުގެ ވޯލްޑްކަޕްގައި ކުޅެން ޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ގައުމުން ވަނީ މެޗުތައް އެހެން ގައުމަކަށް ބަދަލުކޮށްދިނުމަށް މީގެ ކުރިން އެދިފައެވެ. ނަމަވެސް ފީފާއިން ވަނީ އިރާނުގެ އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

ތޭޖް ވިދާޅުވި ގޮތުގައި މާދަމާގެ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މުބާރާތުގައި ބައިވެރިވާ އެހެން ގައުމުތަކެކޭ އެއްފަދައިން އިރާނަށް ވެސް ހަމަހަމަ ހައްގުތަކެއް ލިބޭނެކަން ފީފާއިން ކަށަވަރު ކުރުމަށެވެ. އިރާނުގެ ފުޓްބޯޅަ އިދާރާގެ އިސްވެރިޔާއަށް މިދިޔަ ދުވަސްތަކުގައި ވެސް ވިސާގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ދާދި ފަހުން ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސްއަށް ވަޑައިގަތުމަށް އޭނާ އެދުމުން ކެނެޑާ ސަރުކާރުން ވަނީ ވިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.

ވިސާގެ ކަންތައްތައް މިވަގުތު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ނަމަވެސް، އިރާނުގެ ގައުމީ ޓީމުން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތްތައް ހުއްޓާނުލާ ފުރިހަމައަށް ކުރިއަށްގެންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުޅިވަރު

އިތުރަށް ←