ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އެންޑްރޮއިޑްގެ ޖެމިނައި ލައިވްއަށް ބޮޑު ބަދަލެއް: އިތުރު އެޕްތަކާ ގުޅާލެވޭ އަޕްޑޭޓެއް ނެރެފި

އެންޑްރޮއިޑްގެ ޖެމިނައި ލައިވްއަށް ބޮޑު ބަދަލެއް: އިތުރު އެޕްތަކާ ގުޅާލެވޭ އަޕްޑޭޓެއް ނެރެފި

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓަންޓް "ޖެމިނައި ލައިވް" އަށް ގެނައި "ނިއުރަލް އެކްސްޕްރެސިވް" ރީޑިޒައިނާ އެކު، އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ ތިންވަނަ ފަރާތްތަކުގެ އެޕްލިކޭޝަންތަކާއި ގޫގުލްގެ އަމިއްލަ ގިނަ އެޕްތަކަކާ ސީދާ ގުޅާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހަފުތާގައި ނެރުނު މި އަޕްޑޭޓްގެ ސަބަބުން، ކީބޯޑުން ޓައިޕްކޮށްގެން ސުވާލުކުރުމާއި އަޑުން ވާހަކަދައްކައިގެން ކުރިއަށްގެންދާ ފްލޯވިންގ ކޮންވަސޭޝަންތަކާ ދެމެދު އެއްވެސް މެދުކެނޑުމެއް ނެތްގޮތަށް ބަދަލުކޮށްލުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް ގޫގުލްއިން ހާމަކުރެއެވެ. އަދި މި ބަދަލާ އެކު ޖެމިނައި ލައިވްގެ މުޅި އިންޓަފޭސް ވަނީ ޓެކްސްޓް ޗެޓްގެ ތެރެއަށް ފްލޯޓިންގ ފީޗާއެއްގެ ގޮތުގައި ހިމަނާލެވިފައެވެ.

މީގެ ކުރިން ޖެމިނައި ލައިވްއަށް ސަޕޯޓްކުރަމުން އައީ ހަމައެކަނި ގޫގުލް ކަލަންޑަރ، ޓާސްކްސް، ކީޕް އަދި މެޕްސްގެ އިތުރުން ސެމްސަންގް، އޮނާ، ވަންޕްލަސް ފަދަ މަދު ފޯނު ކުންފުނިތަކެއްގެ އެޕްތަކަށް އެކަންޏެވެ. ނަމަވެސް އާ އަޕްޑޭޓާ އެކު ގޫގުލް ހޯމް، ހޮޓެލްސް، ފްލައިޓްސް، ވޯކްސްޕޭސް، އިމޭޖް ޖެނެރޭޝަން، ޝޮޕިންގ، ޔޫޓިއުބް އަދި ޔޫޓިއުބް މިއުޒިކް ފަދަ ގިނަ ޚިދުމަތްތަކެއް މި ލިސްޓަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ތިންވަނަ ފަރާތްތަކުގެ އެޕްތަކުގެ ތެރެއިން ސްޕޮޓިފައިގެ ސަޕޯޓްވެސް މިހާރު ވަނީ ހިމަނާފައެވެ.

މި އިތުރުކުރެވުނު އެޕްތަކުގެ ތެރޭގައި ހިމެނޭ "ޔުޓިލިޓީސް" ފީޗާގެ އެހީގައި، އެންޑްރޮއިޑް ފޯނުތަކުގައި އެލާމް އަދި ޓައިމަރު ފަދަ ތަކެތި ސީދާ ޖެމިނައި ލައިވް މެދުވެރިކޮށް ސެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ބަދަލުތަކާ އެކު ޖެމިނައި ލައިވްގެ ގާބިލުކަން މިހާރު ވަނީ އާދައިގެ ޖެމިނައި އެޕްލިކޭޝަނާ ދާދި އެއްވަރަކަށް މަތިކުރެވިފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ "މޭޑް ބައި ގޫގުލް" އިވެންޓުގައި ގޫގުލްއިން ތައާރަފުކުރާނެ ކަމަށް ބުނި ޖެމިނައި ލައިވް މެދުވެރިކޮށް މެސެޖު ފޮނުވުމުގެ ފީޗާ އަދިވެސް މި އަޕްޑޭޓުގައި ހިމަނާފައެއް ނުވެއެވެ.

 

ލައިފްސްޓައިލް

އިތުރަށް ←