ވިޓިލިގޯ (ހުދުބަލި): ގިނަބަޔަކަށް ޖެހޭ މި ބައްޔާ މެދު މުޖުތަމައުގައި އޮތް ނުރަނގަޅު ތަސައްވުރު
ދުނިޔޭގެ އާބާދީގެ ކޮންމެ 100 މީހަކުން އެކަކަށް ޖެހޭ ކަމަށް ރެކޯޑުކުރެވިފައިވާ، ހަމުގެ ކުލަ ބަދަލުވާ ދާއިމީ ބައްޔެއް ކަމަށްވާ "ވިޓިލިގޯ" (ހުދުބަލި) އާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތައް އަދިވެސް ވަރަށް ބޮޑެވެ.
މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ދިމާވާ މައްސަލައެއްގެ ސަބަބުން، ހަމަށް ކުލަދޭ މެލަނޮސައިޓްސް ސެލްތައް ހަލާކުވެގެން ދިމާވާ ސިއްހީ ހާލަތެކެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ޖެހޭ، އަދި ބައެއް ފަހަރު ބަލި ހުރިކަން ނޭނގި ވެސް ގިނަ ބަޔަކު އުޅޭ ބައްޔެއް ނަމަވެސް، މީގެ ސަބަބުން ބަލިމީހުންނަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.
މި ބަލި ޖެހުމަށް މެދުވެރިވަނީ ޖެނެޓިކްސް ނުވަތަ ތިމާވެށީގެ ތަފާތު ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ނަފްސާނީ ބޮޑެތިސްޓްރެސް، އަތްވަށް ފިހުން، އަދި ބައެއް ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ ސާމާނުގައި ހުންނަ ކެމިކަލްތަކަށް ހުށަހެޅުން ހިމެނެއެވެ. މި ސަބަބުތަކާ ހުރެ ހަމުގެ ކުލަދޭ ސެލްތައް ނެތިގެންދާއިރު، ހަށިގަނޑުގެ އެކި ހިސާބުތަކުން ހަންގަނޑު ފަނޑުވެ، ހުދު ކުލައިގެ ލައްތަކެއް އުފެދެން ފަށައެވެ. މި ބަލި ހުރިހާ ނަސްލެއްގެ އަދި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޖެހޭއިރު، މިއީ ކަޅު ހަންގަނޑު ހުންނަ މީހުންގެ ގައިން މާ ބޮޑަށް ފާހަގަވާ ބައްޔެކެވެ.
ހަމުގެ މި ބަދަލުތައް އާންމުކޮށް ފެންނަނީ މޫނު، އަތްތިލަ، އަތް، ލޯ އަދި އަނގަދޮށުންނެވެ. އަދި ބައެއް ފަހަރު އެ ހިސާބުތަކުން ފަޅާ އިސްތަށީގެ ކުލަ ވެސް ހުދުވެއެވެ. މީގެ އިތުރުން، އާ ލައްތައް އުފެދޭއިރު ކުޑަކޮށް ކަހާ، ދިލަނަގާ ގޮތްވުމުގެ އިތުރުން، މެލަނިން މަދުވުމުގެ ސަބަބުން އަވިން ލިބޭ ގެއްލުންތަކަށް މި ހަންގަނޑު މާ ބޮޑަށް ނާޒުކުވެއެވެ. މިއީ ދިފާއީ ނިޒާމުގެ މައްސަލައަކަށް ވުމުން، ވިޓިލިގޯ ހުންނަ މީހުންނަށް ތައިރޮއިޑް ބައްޔާއި ހަކުރުބަލީގެ ބާވަތްތައް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށް އިތުރުވެއެވެ.
މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް، މުޖުތަމައުގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، މިއީ ސާފުތާހިރުކަން ކުޑަވުމުން ޖެހޭ ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ގިނަބަޔަކު އަދިވެސް ގަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ބަލިޖެހިފައިވާ މީހުންނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުންގެ ބެލުންތަކާއި، ފާޑުކިޔުންތަކާ އަދި ހިތްނުތަނަވަސްވާ ފަދަ ސުވާލުތަކާ ކުރިމަތިލާންޖެހެއެވެ. މަޝްހޫރު މޮޑެލް ވިނީ ހާލޯ ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ކުޑައިރު "ބަލި އަރާފާނެތީ" އޭނާއާ އެކު ކުޅެން ނުދިއުމަށް އެހެން ކުދިންގެ މައިންބަފައިން ބުނެފައިވެއެވެ.
އިންސާނެއްގެ ސިފައާއި ހަމުގެ ކުލައަކީ އޭނާގެ އަމިއްލަވަންތަކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާއިރު، ހަންގަނޑަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ބަލިމީހުން އެކަނިވެރިވެ، ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް ހުށަހެޅެއެވެ. އަދި ބައެއް ފަހަރު ވަޒީފާގެ ފުރުސަތުތައް ގެއްލުމާއި މުޖުތަމައުން ބާކީވުން ފަދަ ހިތާމަވެރި ކަންކަން ވެސް މެދުވެރިވެއެވެ. އެހެންކަމުން، މިއީ ސިއްހީ ގޮތުން ދިފާއީ ނިޒާމަށް ދިމާވާ މައްސަލައެއްކަން ދަނެ، މި ބަލި ހުންނަ މީހުންނާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
Ads by MACL
