"ޑޮން 3" އިން ކުއްލި ގޮތަކަށް ވަކިވުމުން ރަންވީރު ސިންގް ބޮލީވުޑުން ބޭންކޮށްފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، ކުއްލި ގޮތަކަށް ފިލްމު "ޑޮން 3" އިން ވަކިވުމާ ގުޅިގެން، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (FWICE) އިން އޭނާ ބޭންކޮށް، ފިލްމީ ދާއިރާގެ އެއްވެސް ފަރާތަކުން އޭނާއާ އެކު މަސައްކަތް ނުކުރުމަށް އަންގައިފިއެވެ.
މި ފިލްމުގެ ޝޫޓިން ފެށުމާ ދާދި ގާތްވެފައި ވަނިކޮށް، ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީގެ މި ބޮޑު މަޝްރޫއު ދޫކޮށް ރަންވީރު ސިންގ ނުކުތުމުން ބޮޑު ހަމަނުޖެހުމެއް ވަނީ އުފެދިފައެވެ. FWICE ގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ވިދާޅުވި ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ފިލްމު އުފައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެހެން ފަހު ވަގުތު އެކްޓަރުން ފިލްމުތައް ދޫކޮށްލާ މިފަދަ އާދައަކާ މެދު އެ ޖަމިއްޔާގެ އެތެރޭގެ ބައްދަލުވުމަކަށް ފަހު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެއެވެ.
ރަންވީރު ސިންގް މި ފިލްމާ ގުޅިގެން މަސައްކަތް ކުރާތާ ދެ އަހަރެއްހާ ދުވަސް ވެފައި ވަނިކޮށް، އޭނާ މި މަޝްރޫއުން ވަކިވީ ފިލްމުގެ ސްކްރިޕްޓަށް އައި ބަދަލުތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ފިލްމުން ވަކިވި ދަނޑިވަޅަކީ އަދިތްޔާ ދަރްގެ ފިލްމު "ދުރަންދަރު" ބޮޑު ކާމިޔާބީއެއް ހޯދި ދުވަސްވަރާ ދިމާވުމުން މިކަމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މި މައްސަލައިގައި FWICE އިން ހުރިހާ ތަފްސީލެއް ބެލުމަށް ފަހު، އެ ޖަމިއްޔާގެ ރަސްމީ ނިންމުންތަކާއި މައްސަލައިގެ ހަގީގަތް ހާމަކުރުމަށްޓަކައި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
"ޑޮން" ފްރެންޗައިޒްގެ ތިންވަނަ ބައިގައި ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ސިންގް އާ ޑޮންގެ ގޮތުގައި ތައާރަފްކުރި ޓީޒާއާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް، އޭނާ ފިލްމުން ވަކިވުމާ ގުޅިގެން ކިއާރާ އަދްވާނީ ބަތަލާގެ ބައި ފުރިހަމަކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކުރިމަގާ މެދު މިހާރު ވަނީ ބޮޑު ސުވާލުމާކެއް އުފެދިފައެވެ.
Ads by MACL
