ޤައުމީ ފުޓުބޯޅަ ޓީމަށް އިތުރު ހިތްވަރެއް ދިނުމަށް ދަނޑު ފުރާލަދޭން އަޝްފާޤް އެދެފި
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް ސަޕޯޓުކޮށް، ހިތްވަރު ދިނުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކޮށްދިނުމަށް ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްގެންދާ މި ބޮޑު މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މުބާރާތެކެވެ. އަންނަ މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނުން ވާދަކުރާނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަޝްފާޤް ބުނީ، ކުޅެން އަރާ ހުންނައިރު ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، މި މުބާރާތުގައި ވެސް ދިވެހި ސަޕޯޓަރުން ދަނޑު ފުރާލާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޓީމުގައި މިވަގުތު ގިނައީ ޒުވާން ކުޅުންތެރިން ކަމަށްވުމާއެކު، އެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ނަމަވެސް، މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތަކަށް ލިބުނު މުއްދަތު ކުރުވުމާއި، ތަމްރީނު ކޭމްޕެއް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކުދިކުދި ދަތިތަކެއް ހުރިކަން އަޝްފާޤް ފާހަގަކުރިއެވެ. އެހެންނަމަވެސް، ޓީމުގެ ޖުމްލަ ހާލަތު މިހާރު އޮތްގޮތުން ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން، މުބާރާތުގައި ކުރިއަށްދާއިރު އިދިކޮޅު ޓީމުތަކާ މެދު ވިސްނުމުގެ ބަދަލުގައި، ބޮޑަށް ސަމާލުކަން ދޭނީ އަމިއްލަ ޓީމުގެ ކުޅުން ރަނގަޅުކޮށް، ރޭވުންތެރިކަމާއެކު މެޗުތައް ކުޅުމަށް ކަމަށްވެސް އަޝްފާޤް ހާމަކުރިއެވެ.
މި މުބާރާތަކީ އަޝްފާޤްގެ ފުޓުބޯޅަ ހަޔާތުގައިވެސް ފާހަގަކޮށްލެވޭނެ މުބާރާތެކެވެ. އެގޮތުން ޤައުމީ ޓީމަށް މިހާތަނަށް 99 މެޗު ކުޅެދީފައިވާ އަޝްފާޤް، މި މުބާރާތުގެ ތެރޭގައި އޭނާގެ 100 ވަނަ މެޗު ހަމަކުރާނެއެވެ. މިއާއެކު އޭނާ ވެގެންދާނީ ދިވެހި ފުޓުބޯޅަ ތާރީޚުގައި 100 މެޗު ހަމަކުރާ ދެވަނަ ކުޅުންތެރިޔާ އަށާއި ފީފާ ސެންޗޫރީ ކްލަބުން ޖާގަ ހޯދާ ދެވަނަ ދިވެހި ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ޝަރަފު ހޯދާފައިވަނީ ކުރީގެ ކީޕަރު އިމްރާން މުޙައްމަދު އެކަންޏެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެރޭ ކުޅޭ ފޯރިގަދަ މެޗުގައި ދިވެހިރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
Ads by MACL
