ކަރަން ޖޯހަރް އޭނާގެ އިންސްޓަގްރާމް އެކައުންޓުން ބޮލީވުޑްގެ ހުރިހާ ފަންނާނުން އަންފޮލޯ ކޮށްފި
ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އަންފޮލޯ ކުރުމާ ގުޅިގެން މީޑިއާގައާއި ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
އޭނާ ފޮލޯކުރުން ހުއްޓާލި ފަންނާނުންގެ ތެރޭގައި އޭނާގެ ގާތް އެކުވެރިޔާ ޝާހްރުކް ޚާންގެ އިތުރުން އަނަންޔާ ޕާންޑޭ، ކާތިކް އާރްޔަން އަދި މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ހިމެނެއެވެ. މީގެ އިތުރުން ކަރީނާ ކަޕޫރް، މަލައިކާ އަރޯރާ، ވަރުން ދަވަން، ސިދާތު މަލްހޯތުރާ އަދި އާލިއާ ބަޓް ފަދަ އޭނާއާ އެކު ގާތްކޮށް މަސައްކަތްކުރާ ގިނަ ތަރިންތަކެއް ވެސް މިހާރު އޭނާގެ ފޮލޯވިން ލިސްޓަކު ނެތެވެ.
މިކަމާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ވާހަކަތަކެއް ދެކެވެން ފެށުމުން، ކަރަން ޖޯހަރް ވަނީ އޭނާގެ އިންސްޓަގްރާމްގައި ނޯޓެއް ހިއްސާކޮށް އެކަމުގެ ހަގީގަތް ހާމަކޮށްފައެވެ. ކަރަން ބުނި ގޮތުގައި މިއީ "ޑިޖިޓަލް ޑިޓޮކްސް" އެއް ނުވަތަ ސޯޝަލް މީޑިއާއާ ކުޑަކޮށް ދުރުވެލުމަށް ކުރި ކަމެކެވެ. އަދި އޭނާ އެންމެން އަންފޮލޯ ކުރީ އިންސްޓަގްރާމްގައި ހޭދަކުރާ ވަގުތާއި ހަކަތަ މަދުކުރުމުގެ ބޭނުމުގައި ކަމަށާއި، މިއީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން ކުރި ކަމެއް ނޫން ކަމަށް އޭނާ ސާފުކޮށްދިނެވެ. މިއީ ގައުމީ ފެންވަރުގެ ބޮޑު ޚަބަރަކަށް ހަދަން ނުޖެހޭ ފަދަ ކުޑަކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި ބަދަލާ އެކުވެސް، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަދިވެސް ކަރަންގެ ފޮލޯވިން ލިސްޓުގައި ހިމެނޭތީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފައެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތާ ހަމައަށް، 17.5 މިލިއަން ފޮލޯވަރުން ތިބި ކަރަން ޖޯހަރް އިންސްޓަގްރާމްގައި ފޮލޯކުރަމުން ދިޔައީ އެންމެ 78 އެކައުންޓަށެވެ.
ކަރަން ޖޯހަރްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ޕްރޮޑިއުސްކުރި އަނަންޔާ ޕާންޑޭ އަދި ލަކްޝްޔާގެ ފިލްމު "ޗާންދު މޭރާ ދިލް" އަށް ބޮކްސް އޮފީހުގައި ލިބުނީ މެދުތެރޭގެ ތަރުހީބެކެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ ކާތިކް އާރްޔަން ލީޑް ރޯލުން ފެންނާނެ "ނާގްޒިލާ" އެވެ.
Ads by MACL
