އައިފޯން 18 ޕްރޯގެ ބޮޑެތި ބަދަލުތަކާއެކު އާ ކުލައެއް ތައާރަފްކުރަނީ
އެޕަލް ކުންފުނިން އެންމެ ފަހުން ނެރުމަށް ތައްޔާރުވަމުންދާ އައިފޯން 18 ޕްރޯ މޮޑެލްތަކާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ވަނީ ތިލަވާން ފަށާފައެވެ. މި ފޯނުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު، އޭގެ ތެރޭގައި ޑިޒައިނާއި ކެމެރާ އަދި ބެޓެރީއަށް ގެނެވޭ މުހިންމު އަޕްގްރޭޑްތައް ހިމެނެއެވެ. މީގެ އިތުރުން މުޅިން އާ ކުލައެއް ކަމަށްވާ "ޑާކް ޗެރީ" ކުލައިގެ ފޯނެއް މި ސީރީޒްގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
މި ފޯނުގެ ޑިސްޕްލޭއަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ މަތީގައި އިންނަ "ޑައިނެމިކް އައިލެންޑް" ކުޑަވުމެވެ. ރިޕޯޓުތައް ބުނާގޮތުން ފޭސް އައިޑީ ސެންސަރުތައް ސްކްރީނުގެ އަޑިއަށް ބަދަލުކޮށްލުމުން، މި ކަޓްއައުޓް ގާތްގަނޑަކަށް 35 އިންސައްތަ ކުޑަކުރެވޭނެއެވެ. މީގެ ސަބަބުން ފޯނު ބޭނުންކުރާ ފަރާތްތަކަށް ސްކްރީނުން ބޮޑު ޖާގައެއް ލިބިގެންދާނެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، މި ފަހަރުގެ މޮޑެތިލްތަކުގައި 48 މެގަޕިކްސެލްގެ ޕްރައިމަރީ ސެންސަރަކާއެކު "ވެރިއަބަލް އެޕަޗާ" ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން އަލި މަޑު ތަންތަނުގައި މާ ފުރިހަމައަށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއެކު 48 މެގަޕިކްސެލްގެ އަލްޓްރާވައިޑް އަދި ޓެލެފޮޓޯ ކެމެރާއެއްވެސް މި ފޯނުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
މިއީ އައިފޯނެއްގައި މިހާތަނަށް ހިމަނާނެ އެންމެ ބޮޑު ބެޓެރީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އައިފޯން 18 ޕްރޯގައި 5،100 އާއި 5،200 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭނެ ކަމަށް ބެލެވޭއިރު، މިއީ އެއްފަހަރު ޗާޖުކޮށްލައިގެން 40 ގަޑިއިރަށްވުރެ ގިނައިރު ބޭނުންކުރެވޭނެ ވަރުގެ ބެޓެރީއެކެވެ. މީގެ އިތުރުން އެޕަލްގެ އަމިއްލަ ސީ2 މޮޑެމްއާއެކު ސެޓެލައިޓް ކަނެކްޓިވިޓީވެސް އިތުރަށް ފުރިހަމަކުރެވިގެންދާނެއެވެ.
މި އާ ފޯނުތައް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަގުތަކަށް ބަލާއިރު އައިފޯން 18 ޕްރޯގެ އަގު އުޅޭނީ ގާތްގަނޑަކަށް 999 ޑޮލަރުގައެވެ. އަދި ޕްރޯ މެކްސް މޮޑެލްގެ އަގު 1،199 ޑޮލަރުން ފެށޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެޕަލް ކުންފުނިން އަދި މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
Ads by MACL
