މެޓާގެ ޕްލެޓްފޯމުތަކަށް ފައިސާ ދައްކައިގެން ބޭނުންކުރެވޭ ޚާއްޞަ ފީޗާތަކެއް މެޓާއިން ތައާރަފްކޮށްފި
މެޓާ ކުންފުނިން ހިންގަމުންދާ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ފައިސާ ދައްކައިގެން އިތުރު ޚިދުމަތްތައް ހޯދޭނެ ސަބްސްކްރިޕްޝަން ޕްލޭންތަކެއް ދުނިޔޭގެ ބާޒާރަށް އެ ކުންފުނިން ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
"ޕްލަސް" ގެ ނަމުގައި ތައާރަފްކުރި މި ޕްލޭންތަކުގެ ބޭނުމަކީ އިޝްތިހާރުން ލިބޭ އާމްދަނީއަށް އެކަނި ބަރޯސާވުން ކުޑަކޮށް، އެޕްތަކުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ޚާއްޞަ ފީޗާތަކެއް ފޯރުކޮށްދިނުމެވެ. މިގޮތުން އިންސްޓަގްރާމް ޕްލަސް އަދި ފޭސްބުކް ޕްލަސްގެ މަހު ފީއަކީ 3.99 ޑޮލަރު ކަމަށްވާއިރު، ވަޓްސްއެޕް ޕްލަސްގެ މަހު ފީއަކީ 2.99 ޑޮލަރެވެ.
އިންސްޓަގްރާމް ޕްލަސް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސްޓޯރީތައް ބެލި މީހުންގެ ތެރެއިން އެ ސްޓޯރީއެއް އަލުން އަނބުރާ ބެލީ ކޮންބައެއްކަން (ރީވޮޗް ކައުންޓް) ބަލައިލެވޭނެއެވެ. މީގެ އިތުރުން ސްޓޯރީތައް 24 ގަޑިއިރަށްވުރެ ގިނަދުވަހު ބެހެއްޓުމާއި، ސްޓޯރީ ބަލާ މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ ގޮތަށް ސިއްރުން އެހެން މީހުންގެ ސްޓޯރީތައް ބަލައިލުމުގެ ފުރުސަތު ލިބެއެވެ. އަދި އަމިއްލަ ޕްރޮފައިލް ފަރުމާކުރުމަށް ޚާއްޞަ ފޮންޓުތަކާއި، ކަސްޓަމް އެޕް އައިކަންސްގެ އިތުރުން ހަފްތާއަކު އެއް ސްޓޯރީ ގިނަ ބަޔަކަށް ފެންނާނެހެން ބޫސްޓްކުރުމުގެ ޚިދުމަތް ވެސް މި ޕްލޭނުގައި ހިމެނެއެވެ.
ފޭސްބުކް ޕްލަސްގައި ވެސް އިންސްޓަގްރާމާ އެއްގޮތް ގިނަ ފީޗާތަކެއް ހިމެނޭއިރު، ވަޓްސްއެޕް ޕްލަސް ބޮޑަށް ބިނާކޮށްފައިވަނީ މެސެޖުކުރުމާއި އެޕްލިކޭޝަން އަމިއްލަގޮތަށް ބަދަލުކޮށްލުމުގެ މައްޗަށެވެ. އެގޮތުން އެޕްގެ ތީމްތައް ބަދަލުކުރުމާއި، ކަސްޓަމް ރިންގްޓޯން ކަނޑައެޅުމާއި، ގިނަ ޗެޓްތަކެއް ޕިންކޮށްފައި ބެހެއްޓުމުގެ އިތުރުން ޕްރީމިއަމް ސްޓިކާތައް ބޭނުންކުރުމުގެ ފުރުސަތު ވަޓްސްއެޕްގެ ފައިސާ ދައްކާ ކަސްޓަމަރުންނަށް ލިބޭނެއެވެ. މެޓާއިން ހާމަކުރި ގޮތުގައި މި އާ ޕްލޭންތަކަކީ މިހާރު ވެސް ބްލޫ ޓިކް ހޯދުމަށް ބޭނުންކުރާ "މެޓާ ވެރިފައިޑް" އާ މުޅިން ވަކިން ހިނގާނެ ޚިދުމަތްތަކެކެވެ.
މީގެ އިތުރުން "މެޓާ ވަން" ގެ ނަމުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަށް ޚާއްޞަ ޕްލޭންތަކެއް ވެސް މެޓާއިން ދަނީ ޓެސްޓުކުރަމުންނެވެ. މީގެ ތެރޭގައި މަހަކު 7.99 ޑޮލަރުގެ "މެޓާ ވަން ޕްލަސް" އަދި މަހަކު 19.99 ޑޮލަރުގެ "މެޓާ ވަން ޕްރީމިއަމް" ހިމެނެއެވެ. މި ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް އޭއައި މެދުވެރިކޮށް އުނދަގޫ ކަންކަން ނިންމުމުގެ ވިސްނުމުގެ ގާބިލުކަން (ތިންކިންގ މޯޑް) ލިބުމުގެ އިތުރުން، މަތީ ފެންވަރުގެ ވީޑިއޯ އާއި ފޮޓޯ އުފެއްދުމުގެ ވަސީލަތްތައް ލިބޭނެއެވެ. އާންމު ބޭނުންތަކަށް މެޓާ އޭއައި ހިލޭ ލިބުނު ނަމަވެސް، ފައިސާ ދައްކާ މީހުންނަށް އިތުރު ސީޕީޔޫ ޕަވަރާއި ގިނައިން ބޭނުންކުރުމުގެ ލިމިޓް ލިބޭނެއެވެ. މިއީ ސިންގަޕޫރު، ގުއަޓެމާލާ އަދި ބޮލީވިއާގައި އަންނަ މަހު ޓެސްޓުކުރަން ފަށާނެ ޚިދުމަތެކެވެ.
ވިޔަފާރިތަކަށާއި ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން "މެޓާ ވަން އެސެންޝަލް" (މަހަކު 14.99 ޑޮލަރު) އަދި "މެޓާ ވަން އެޑްވާންސްޑް" (މަހަކު 49.99 ޑޮލަރު) ގެ ނަމުގައި ވެސް ދެ ޕްލޭނެއް މި ހަފްތާގައި ޓެސްޓުކުރަން ފަށާނެއެވެ. މީގެ ތެރެއިން އަގުބޮޑު އެޑްވާންސްޑް ޕްލޭން ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކް ފީޑްގައްޔާއި ސާޗް ނަތީޖާތަކުގައި އިސްކަންދީ، ރީލްސް ބަލާ މީހުންނަށް ފޮލޯކުރަން ހަނދާންކޮށްދޭ އޮޓޮމެޓިކް ސިސްޓަމެއް ހިމެނެއެވެ. އަދި އިންސްޓަގްރާމް ޕޯސްޓުތަކުގައި ސީދާ ވެބްސައިޓް ލިންކް ޖެހުމާއި، ޕާސްވޯޑް ހިއްސާނުކޮށް ޓީމުގެ އެހެން މީހުންނަށް އެކައުންޓް ބެލެހެއްޓުމުގެ ހުއްދަ ދިނުމާއި، އަމިއްލަ ކޮންޓެންޓް އެހެން މީހުން ބޭނުންކުރުމުން އެލާޓް އަންނަ ފީޗާތައް މީގެ ތެރޭގައި ހިމެނެއެވެ. މި ޕްލޭންތައް އެންމެ ފުރަތަމަ ޓެސްޓުކުރަނީ ސައުދީ އަަރަބިއްޔާ، މޮރޮކޯ، ތައިލެންޑް އަދި ބަންގްލަދޭޝްގައެވެ.
Ads by MACL
