އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން ހުންނާނީ މެސީ: ކޯޗު ސްކަލޯނީ
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ، އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން އަލުން ފެންނާނެކަން އެ ގައުމުގެ ގައުމީ ކޯޗު ލިއޮނަލް ސްކަލޯނީ ކަށަވަރުކޮށްދީފިއެވެ.
މެސީއަށް ކުރިމަތިވި އަނިޔާގެ ބިރުވެރިކަމަށް ވަނީ އެއްކޮށް ނިމުން އައިސްފައެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު އެއީ އޭނާގެ ފަހު މުބާރާތް ކަމަށް ކުރިން ނިންމި ނަމަވެސް، މިއީ އުމުރުން 38 އަހަރުގެ މެސީ ވޯލްޑް ކަޕެއްގައި ވާދަކުރާނެ ހަވަނަ ފަހަރެވެ.
މެސީއަށް މި ފަހަރުގެ މުބާރާތުގައި ކުޅެވިދާނެތާމެދު ސުވާލު އުފެދުނީ އެމެރިކާ ލީގުގައި އިންޓަ މަޔާމީން ފިލަޑެލްފިއާއާ ދެކޮޅަށް ކުޅެ 6-4 އިން މޮޅުވި މެޗުގެ ދެވަނަ ހާފުގައި އޭނާގެ ވައަތު ފައިގެ ފަލަމަސްގަނޑަށް އެރި ތަދެއްގެ ސަބަބުން ކުއްލިއަކަށް ބަދަލުކުރަން ޖެހުމުންނެވެ. އެ ކްލަބުން އޭނާ ދަނޑަށް އެނބުރި އަންނާނެ ސީދާ ތާރީޚެއް ހާމަނުކުރި ނަމަވެސް، އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ މެސީގެ ރިހުމަކީ ސީރިއަސް ކަމެއް ނޫން ކަމަށާއި، އިތުރު ޓެސްޓުތަކެއް ހެދި ނަމަވެސް ބިރުގަންނަންޖޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.
ވޯލްޑް ކަޕަށް ތައްޔާރުވާ އާޖެންޓީނާގެ ސްކޮޑު އިއުލާންކުރިއިރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 18 އަހަރުގެ އުންމީދީ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯ ޓީމުން ބާކީވުމުންނެވެ. އެހެންނަމަވެސް، މިހާރު އެކުލަވާލާފައިވާ ސްކޮޑުގައި މީގެ ހަތަރު އަހަރު ކުރިން ފްރާންސް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމުގެ 17 ކުޅުންތެރިއަކު ހިމެނެއެވެ.
ދުނިޔޭގެ ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުންނަ އާޖެންޓީނާ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ބައްދަލުކުރާނީ އަލްޖީރިއާއާއެވެ. މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާ އެކު ދެން ހިމެނެނީ އޮސްޓްރިއާގެ އިތުރުން އުރުދުންއެވެ.
Ads by MACL
