ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކުޑަކުދިން ގިނައިން ޖަންކް ފުޑް ކެއުމުން ސިކުނޑިއަށް ދާއިމީ ނޭދެވޭ އަސަރުތަކެއް ކުރާކަން ހާމަވެއްޖެ

ކުޑަކުދިން ގިނައިން ޖަންކް ފުޑް ކެއުމުން ސިކުނޑިއަށް ދާއިމީ ނޭދެވޭ އަސަރުތަކެއް ކުރާކަން ހާމަވެއްޖެ

ކުޑަކުދިންގެ އުމުރުގައި ގިނަ އަދަދަކަށް ތެލާއި ހަކުރު ގިނަ "ޖަންކް ފުޑް" ނުވަތަ ސިއްހަތަށް ފައިދާނެތް ކާނާ ކެއުމުގެ ސަބަބުން، ފަހުން ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރަން ފެށި ނަމަވެސް، ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ދާއިމީ ގޮތެއްގައި ދެމިގެންދާކަން އާ ދިރާސާއަކުން ދައްކައިފިއެވެ.

އަޔަލޭންޑްގެ ޔުނިވަރސިޓީ ކޮލެޖް ކޯކް (ޔޫ.ސީ.ސީ) ގެ އޭ.ޕީ.ސީ މައިކްރޯބަޔޯމް ރިސާޗް ސެންޓަރުގެ ސައިންސްވެރިން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ކުޑައިރު މިފަދަ ކާނާ ގިނައިން ކެއުމުން ބަނޑުހައިހޫނުކަން ކޮންޓްރޯލްކޮށްދޭ ސިކުނޑީގެ މުހިންމު ބަޔަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

މި ދިރާސާ ކުރެއްވި ސައިންސްވެރިއެއް ކަމަށްވާ ޑރ. ކްރިސްޓީނާ ކުއެސްޓާ-މާޓީ ވިދާޅުވި ގޮތުގައި ކުޑައިރު ކެވޭ ކާނާގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ ނިޒާމަށް ފާހަގަނުކުރެވޭ ފަދަ ދިގުމުއްދަތުގެ ބަދަލުތަކެއް އާދެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ބޮޑުވާއިރު މީހާގެ ބަރުދަން އާދައިގެ މިންވަރެއްގައި ހުރި ނަމަވެސް، ކެއުމުގެ އާދަކާދަ ހުންނަ ގޮތުން ފަހުން ފަލަވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ސައިންސްވެރިން އިންޒާރު ދެއެވެ.

ސައިންސްވެރިން މި ދިރާސާ ކުރުމަށް ބޭނުންކުރީ މީދަލެވެ. ކުޑަައިރުންސުރެ ގިނަ އަދަދަކަށް ހަކުރާއި ތެޔޮ އެކުލެވޭ ކާނާ ކެއުމަށް ދެވުނު މީދާތައް ބޮޑެތިވުމުން ވެސް ކެއުމުގެ ނޭދެވޭ އާދަތައް ހުންނަކަން ފާހަގަކުރެވުނެވެ. މިކަން ދިމާވަނީ ސިކުނޑީގައި ކެއުމާއި ހަކަތަ ބެލެންސްކުރުން ކޮންޓްރޯލްކޮށްދޭ "ހައިޕޯތަލަމަސް" އަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހުރި ހައްލުތަކާ ބެހޭގޮތުން ވެސް ސައިންސްވެރިން ވަނީ ދިރާސާކޮށްފައެވެ. އެގޮތުން ބަނޑުގެ ޖަރާސީމު ނުވަތަ ގަޓް މައިކްރޯބަޔޯމް ދުޅަހެޔޮކޮށްދޭ "ބިފިޑޯބެކްޓީރިއަމް ލޯންގަމް" ކިޔާ ބެކްޓީރިއާއެއްގެ އިތުރުން ލޮނުމެދާއި، ފިޔާ، ބަނބުކެޔޮ އަދި ދޮންކޭލުން ލިބޭ "ޕްރީބަޔޮޓިކް ފައިބަރު" ބޭނުންކުރުމުން ސިކުނޑިއަށް އަންނަ މި ނޭދެވޭ ބަދަލުތައް ކުޑަކޮށްދީ، އަލުން ދުޅަހެޔޮ ކެއުމުގެ އާދަތަކަށް ރުޖޫޢަވުމަށް އެހީތެރިވެދޭކަން ފާހަގަކުރެވުނެވެ.

މި ޒަމާނުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ސިއްހަތަށް ފައިދާނެތް ކާނާ ވަރަށް ގިނައިން އިޝްތިހާރުކޮށް، އުފަންދުވަހުގެ ހަފްލާތަކާއި ސްކޫލް ހަރަކާތްތަކުގައި ވެސް މިފަދަ ތަކެތި ގިނައިން ދެވޭތީ ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، ކުޑަކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ދެވޭ ކާނާއަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ މުސްތަގުބަލުގައި އެކުދިންގެ ސިއްހަތު ސަލާމަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

ލައިފްސްޓައިލް

އިތުރަށް ←