2026 ގެ ވޯލްޑް ކަޕަށް ފީފާއިން ތާރީޚީ ބޮޑު ބަދަލުތަކެއް ތައާރަފްކޮށްފި
މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް، ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ ބައިނަލްއަގުވާމީ އިދާރާ (އައިއެފްއޭބީ) އާއި ފީފާ ގުޅިގެން މެޗުތަކުގެ ފޯރިގަދަކޮށް ވަގުތު ބޭކާރުކުރުން ހުއްޓުވުމަށްޓަކައި ބޮޑު ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
ފީފާގެ ރެފްރީންގެ މޭސްތިރި ޕިއެރްލުއީޖީ ކޮލީނާ އިސްވެ ހުންނަވައި ތައާރަފްކުރި މި އާ ގަވާއިދުތަކުގެ މައިގަނޑު މަގުސަދަކީ ކުޅުންތެރިންގެ ނޭދެވޭ އަހުލާގު ކޮންޓްރޯލްކޮށް، މެޗުގެ ވަގުތު ދިގުދަންމާ އުކުޅުތައް ނައްތާލުމުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމެވެ.
މެޗުގެ ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅަކީ އެއްލާ ބޯޅަތަކާއި (ތުރޯ-އިން) ގޯލް ކިކްތައް ޖެހުމަށް ރެފްރީން ފަސް ސިކުންތުގެ ކައުންޓްޑައުންއެއް އަތުން ދައްކަމުން ކުރިއަށް ގެންދިއުމެވެ. މިގޮތުން ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުޅުންތެރިޔާ ލަސްކޮށްފިނަމަ، އެއްލާ ބޯޅައެއްނަމަ އިދިކޮޅު ޓީމަށް އެ ފުރުސަތު ލިބޭނެއެވެ. އަދި ގޯލް ކިކެއް ޖަހަން ލަސްކޮށްފިނަމަ އިދިކޮޅު ޓީމަށް ކޯނަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLމީގެ އިތުރުން ކުޅުންތެރިން ބަދަލުކުރާ ވަގުތު (ސަބްސްޓިޓިއުޝަން) އަވަސްކުރުމަށްޓަކައި، ދަނޑުން ފައިބާ ކުޅުންތެރިޔާއަށް އެންމެ ކައިރީގައިވާ ރޮނގުން ފޭބުމަށް ބަރާބަރު 10 ސިކުންތުގެ ވަގުތެއް ލިބޭނެއެވެ. މި ވަގުތަށްވުރެ އިތުރުވެއްޖެނަމަ، ބަދަލުގައި ދަނޑަށް އަރަން ހުންނަ ކުޅުންތެރިޔާ މެޗު އަލުން ފަށާތާ އެއް މިނެޓު ވަންދެން ބޭރުގައި މަޑުކުރަން ޖެހޭނެއެވެ. މީގެ މާނައަކީ އެއް މިނެޓުގެ ވަގުތަށް އެ ޓީމަކުން ދަނޑުމަތީގައި ކުޅެން ޖެހޭނީ 10 ކުޅުންތެރިންނާއެކުގައެވެ.
އަދި މެޗުގެ އޮއިވަރު ބަދަލުކުރުމަށްޓަކައި ގޯލްކީޕަރު ބަލިކަމަށް ހަދާފައި ދަނޑުމަތީގައި އޮންނަ ވަގުތު، ދަނޑުމަތީ ތިބޭ އެހެން ކުޅުންތެރިން ބެންޗު ކައިރިއަށް ގޮސް ކޯޗުގެ އިރުޝާދު ހޯދުން ވަނީ މިއަހަރުގެ މުބާރާތުގައި މުޅިން މަނާކޮށްފައެވެ. ހަމައެހެންމެ، ކީޕަރު ފިޔަވައި އެހެން ކުޅުންތެރިޔަކަށް ދަނޑުމަތީގައި ބޭސްފަރުވާ ކޮށްފިނަމަ، ސީރިއަސް އަނިޔާއެއް ނުވަތަ ކީޕަރާ މުޑިއެރުމެއް ނޫންނަމަ، އެ ކުޅުންތެރިޔަކު އަލުން ދަނޑަށް ވަނުމުގެ ކުރިން ބޭރުގައި އެއް މިނެޓު މަޑުކުރަން ޖެހޭނެއެވެ.
ކުޅުންތެރިންގެ އަހުލާގީ މައްސަލަތަކަށް ބަލާއިރު، ރެފްރީއާ ނުވަތަ އިދިކޮޅު ކުޅުންތެރިޔަކާ މޫނުމަތީގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރާ ވަގުތު، ގަސްތުގައި އަނގަމަތީގައި އަތް އެޅުން ނުވަތަ ޖާޒީން އަނގަ ނިވާކުރުމަކީ ސީދާ ރަތް ކާޑެއް އަންނާނެ ކަމެކެވެ. މިއީ ނަސްލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދޭ ހުތުރު ހަމަލާތައް ފޮރުވުމަށް ކުރާ ކަންކަން ހުއްޓުވުމަށް ނިންމި ނިންމުމެކެވެ. މީގެ އިތުރުން ރެފްރީގެ ނިންމުމަކާ ހެދި ދެކޮޅު ހެދުމުގެ ގޮތުން މުޅި ޓީމު ނުވަތަ ކުޅުންތެރިން ދަނޑުން ފައިބައިގެން ހިނގައްޖެނަމަ ސީދާ ރަތް ކާޑު ދެއްކުމާއެކު، އެ ޓީމެއް މެޗުން ބަލިވީކަމަށް އޮޓޮމެޓިކުން ނިންމާނެއެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ބާރުތައް ވެސް މިފަހަރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން ނުބައިކޮށް ދެއްކުނު ދެވަނަ ރީނދޫ ކާޑެއް ބަދަލުކުރުމާއި، ކުޅުންތެރިޔާ އޮޅިގެން ރީނދޫ ކާޑު ދެއްކޭ ހާލަތްތަކާއި، އަދި ވަގުތުން ރަނގަޅު ކުރެވެން ހުންނަ ހާލަތްތަކުގައި ނުބައިކޮށް ދެވޭ ކޯނަރުތައް ރަނގަޅުކުރުމުގެ ބާރު ވީއޭއާރް އަށް އޮންނާނެއެވެ. އަދި ކޯނަރެއް ނުވަތަ ހިލޭ ޖެހުމެއް ޖެހުމުގެ ކުރިން، ބޯޅަ ދަނޑުތެރެއަށް ނުވަންނަނީސް އެޓޭކްކުރާ ކުޅުންތެރިޔަކު ޑިފެންޑަރަކަށް ހުރަސްއަޅައި ފައުލްކޮށްފިނަމަ، އެކަން ބަލައި އަދަބު ދިނުމުގެ އިހުތިޔާރު ވެސް ރެފްރީންނަށް ލިބިގެންވެއެވެ.
މީގެ އިތުރުން، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގެ ހޫނުމިން ހުންނާނެ ގޮތަށް ބަލައި، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ހާފެއްގެ 22 ވަނަ މިނެޓާ ދިމާކޮށް، ފެން ބުއިމަށްޓަކައި (ހައިޑްރޭޝަން ބްރޭކް) ރަސްމީކޮށް ތިން މިނެޓުގެ މެދުކެނޑުމެއް ކޮންމެ މެޗެއްގައި ވެސް ގެންނަން ވަނީ މަޖުބޫރުކޮށްފައެވެ.
Ads by MACL
