އިންސްޓަގްރާމްގެ ސެކިއުރިޓީ ބަގް އެއް ބޭނުންކޮށްގެން ގިނަ އެކައުންޓްތަކެއް ހެކްކޮށްފި
މެޓާ އެއައި ސަޕޯޓް ސިސްޓަމްގައި ހުރި ސެކިއުރިޓީ މައްސަލައެއް ބޭނުންކޮށްގެން، އިންސްޓަގްރާމް ބޭނުންކުރާ ގިނަ އަދަދެއްގެ ބައެއްގެ އެކައުންޓްތައް ހެކަރުން އަތުލަމުންދާތީ އެކަމުގެ އިންޒާރު އިންސްޓަގްރާމުން ދޭން ފަށައިފިއެވެ.
މި މައްސަލަ ފުރަތަމަ ފާހަގަވެފައިވަނީ މިދިޔަ ހަފުތާގައެވެ. ގިނަ އަދަދެއްގެ ޔޫޒަރުން ވަނީ އެމީހުންގެ އެކައުންޓްތަކަށް ނުވަދެވި، ޕްރޮފައިލްތައް ބްލޮކްވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ހެކަރުން މި ހަމަލާ ދީފައިވަނީ މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ ކަސްޓަމާ ސަޕޯޓް ޗެޓްބޮޓް އޮޅުވާލައިގެންނެވެ. ހެކަރުން ވަނީ އެ ބޮޓް ކައިރީގައި، އެހެން މީހުންގެ އެކައުންޓްތަކަކީ އެމީހުންގެ އަމިއްލަ އެކައުންޓްތަކެއް ކަމަށް ބުނެ، އެ އެކައުންޓްތަކާ ގުޅިފައިވާ އީމެއިލް އެޑްރެސް ބަދަލުކުރުމަށް އެދިފައެވެ. ސިސްޓަމްގެ ބަގްގެ ސަބަބުން ބައެއް ފަހަރު ޗެޓްބޮޓް މިކަމަށް ހުއްދަ ދިނުމުން، ހެކަރުން ވަނީ ފަސޭހަކަމާއެކު ޕާސްވޯޑް ރިސެޓްކޮށް އެކައުންޓްތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މި ހަމަލާތަކުގައި ބޮޑަށް އަމާޒުކޮށްފައިވަނީ ކުރު އަދި މަގުބޫލު ޔޫޒާނޭމްތައް ހުންނަ އެކައުންޓްތަކަށާއި، ދުނިޔޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ބޮޑެތި އެކައުންޓްތަކަށެވެ. މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ. ނަމަވެސް، މައްސަލަ ހައްލުކުރި ކަމަށް ކުންފުނިން އިޢުލާން ކުރި ފަހުންވެސް ބައެއް ޔޫޒަރުންގެ އެކައުންޓްތައް ހެކްވަމުންދާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.
މެޓާއިން މިހާރު ދަނީ ގެއްލުންވި އެކައުންޓްތައް ރައްކާތެރިކޮށް، އަސަރުކޮށްފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ޕާސްވޯޑް ރިސެޓް ކުރުމުގެ ނޮޓިފިކޭޝަންތައް ފޮނުވަމުންނެވެ. އިންސްޓަގްރާމުން ފޮނުވާ ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވަނީ، އެކައުންޓްތަކުން ޝައްކުކުރެވޭ ފަދަ ހަރަކާތްތަކެއް ފެނިފައިވާތީ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް ޕާސްވޯޑް ބަދަލުކުރުމަށް އިރުޝާދުދޭ ކަމަށެވެ.
އެހެންނަމަވެސް، މި ހާދިސާގައި ޖުމްލަ ކިތައް އެކައުންޓަށް އަސަރުކުރި ކަމެއް މެޓާއިން އަދި ހާމައެއް ނުކުރެއެވެ.
Ads by MACL
