ފިލްމު 'ދުރަންދަރު 2' ގެ ރޯ އެންޑް އަންކަޓް އަދަދު ޖިއޯ ހޮޓްސްޓާ އިން ރިލީޒްކޮށްފި
އަދިތްޔާ ދަރް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ހިންދީ ފިލްމު "ދުރަންދަރު 2: ދަ ރިވެންޖް" ގެ ޚާއްޞަ ޑިޖިޓަލް ޕްރިމިއާއެއް "ރޯ އެންޑް އުންދޭޚާ" (Raw & Undekha) ގެ ނަމުގައި ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ރޭ އިއުލާންކުރި ގަޑިއަށް ރިލީޒްކޮށްފިއެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާ މި ފިލްމުގެ އާ އަދަދާއެކު، ކުރިން ފެނިފައިނުވާ އިތުރު 30 މިނެޓުގެ ބެހައިންޑް ދަ ސީންސް (ބީޓީއެސް) ކޮންޓެންޓް ވެސް ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ފިލްމުގެ ކާސްޓުންގެ މެދުގައި ހިނގާފައިވާ މަޖާ މުއާމަލާތްތަކާއި، ފިލްމު އުފެއްދި ގޮތުގެ މުހިންމު މަންޒަރުތައް ހިމެނެއެވެ.
މި އާ އަދަދާއެކު ސޯޝަލް މީޑިއާގައި ފިލްމުގެ ފޭނުންގެ މެދުގައި ބޮޑު ފޯރިއެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ފިލްމުގައި ހިމެނޭ "އުޒެއިރު" ގެ ވަރުގަދަ ކުރިމަތިލުމުގެ މަންޒަރުތައް އެއްވެސް އުނިކަމެއްނެތި މި ފަހަރު ފެންނާނެތީ އެކަމަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑެވެ. އަދި ފިލްމުގެ ތަރިންގެ ކޮމެންޓްރީއާ އެކު މި ބައި ބަލާލުމަކީ ލިބޭނެ ވަރަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ސަޕޯޓަރުން އަންނަނީ ސިފަކުރަމުންނެވެ. ބައެއް ފޭނުން ބުނެފައިވަނީ ފިލްމު އުފެއްދުމުގެ ތެރޭގައި ހިނގާފައިވާ މަޖާ އަދި ސިއްރު ކަންތައްތަކެއް ވެސް މި ކޮންޓެންޓުގެ ތެރެއިން ހާމަވެގެންދާނެ ކަމަށެވެ.
"ދުރަންދަރު" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2025 ޑިސެމްބަރު 5 ގައި ސިނަމާތަކަށް އައިއިރު، އޭގެ ދެވަނަ ބައި ސިނަމާތަކުގައި އެޅުވީ މިއަހަރުގެ މާރިޗު މަހުގެ 19 ގައެވެ. މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ރަންވީރު ސިންގް، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އަރުޖުން ރާމްޕާލް، އަދި އާރް މާދަވަން ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިންނެވެ. ޖިއޯ ހޮޓްސްޓާގެ އިތުރުން ނެޓްފްލިކްސް މެދުވެރިކޮށް ވެސް މި ފިލްމުގެ އަންކަޓް އަދަދު ބައިނަލްއަގުވާމީ ބެލުންތެރިންނަށް މިހާރު ވަނީ ދޫކޮށްލާފައެވެ.
Ads by MACL
