ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތާއި ފައިނަލްގެ ހާފްޓައިމް ޝޯގައި ޝަކީރާ ޕާފޯމް ކުރަނީ
ފީފާ ވޯލްޑް ކަޕް 2026 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮލަމްބިއާގެ މަޝްހޫރު ޕޮޕް ތަރި ޝަކީރާ ޕާފޯމް ކުރާނެ ކަމަށް ފީފާއިން ހުކުރު ދުވަހު އިއުލާން ކޮށްފިއެވެ.
މި މުބާރާތުގައި އޭނާ ހުށަހަޅައިދޭނީ މުބާރާތުގެ ރަސްމީ ލަވަ ކަމަށްވާ "Dai Dai" އެވެ. ބީބީސީ ސްޕޯޓްގެ މައުލޫމާތުތަކަށް ބިނާކޮށް އެނގޭ ގޮތުގައި، ނައިޖީރިއާގެ އާޓިސްޓް ބާނާ ބޯއި (Burna Boy) ވެސް މި ލަވައިގައި އޭނާއާއެކު ބައިވެރިވާނެއެވެ.
މި ބޮޑު ހުށަހެޅުން ފެނިގެންދާނީ އަންނަ ބުރާސްފަތި ދުވަސް ކަމަށްވާ ޖޫން 11 ގައި މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައެވެ. މި ޝޯ ކުރިއަށްދާނީ މުބާރާތް ހުޅުވާ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗު ފެށުމުގެ 90 މިނެޓް ކުރިން ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
Ads by BMLޝަކީރާގެ އިތުރުން ކޮލަމްބިއާގެ ޖޭ ބަލްވިން (J Balvin) އާއި ސައުތު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާ (Tyla) ވެސް މި ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.
މުބާރާތުގެ ރަސްމީ ލަވައިގެ ގޮތުގައި ހަމަޖައްސާފައިވާ "Dai Dai" އަކީ އިޓަލީ ބަހުން "ހިނގާ" ނުވަތަ "ކުރިއަށް" މި މާނަ ދޭހަވާ ލަފުޒެކެވެ. އުމުރުން 49 އަހަރުގެ ޝަކީރާ ވަނީ މިދިޔަ މެއި މަހުގެ 14 ގައި ނެރުނު މި ލަވައިގެ އެއް މިނެޓްގެ ޓީޒާ ވީޑިއޯއެއް ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ހުރެ އިންސްޓަގްރާމް މެދުވެރިކޮށް މީގެ ކުރިން އާންމުންނަށް ދައްކާލާފައެވެ.
މިއީ ވޯލްޑް ކަޕެއްގެ ފޯރިއާ ޝަކީރާ ގުޅުނު ހަތަރުވަނަ ފަހަރެވެ. އޭނާ ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގައި "Hips Don't Lie" ހުށަހަޅައިދީފައެވެ. އަދި 2010 ވަނަ އަހަރުގެ ރަސްމީ އެންތަމް "Waka Waka (This Time for Africa)" އިން ބޮޑު މަގުބޫލުކަމެއް ހޯދިއިރު، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި "La La La (Brazil 2014)" ވެސް އޭނާ ވަނީ ކުޅެފައެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބާއްވާ ފައިނަލް މެޗުގެ ހާފްޓައިމް ޝޯގައި ވެސް ޕާފޯމް ކުރާނީ ޝަކީރާ ކަމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެ ފޯރިގަދަ ޝޯ އޮންނާނީ ޖުލައި 19 ގައި ނިއު ޖާޒީގެ މެޓްލައިފް (MetLife) ސްޓޭޑިއަމްގައެވެ.
ޝަކީރާ ބުނި ގޮތުގައި ކޮންމެ ވޯލްޑް ކަޕަކީވެސް ވަރަށް ޖާދޫވީ މުބާރާތެކެވެ. އަދި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން މިހާ ނާޒުކު ދަނޑިވަޅެއްގައި، މި މުބާރާތުގެ ޒަރީއާއިން މީހުން އެއްބައިވަންތަކުރުމަށް އަމާޒު ހިފާނެ ކަމަށް އޭނާ ހާމަކުރިއެވެ.
މީގެ އިތުރުން "Dai Dai" ލަވައިން ލިބޭ ރޯޔަލްޓީގެ 100 އިންސައްތަ "ފީފާ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑު" އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި، އެ ފަންޑުގެ އެހީގައި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ކުދިންނަށް ތައުލީމާއި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި މުބާރާތަކީ 48 ޓީމު ބައިވެރިވާ، ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ.
Ads by MACL
