ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

މެސީ ނެތްތަން ދައްކަނުދީ، އާޖެންޓީނާއިން ހޮންޑިއުރާސް ބަލިކޮށްފި

މެސީ ނެތްތަން ދައްކަނުދީ، އާޖެންޓީނާއިން ހޮންޑިއުރާސް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި، ކެޕްޓަން ލިއޮނަލް މެސީ ނުކުޅުނު ނަމަވެސް، މިހާރުގެ ޗެމްޕިއަން އާޖެންޓީނާއިން ފަސޭހަކަމާއެކު ހޮންޑިއުރާސްގެ މައްޗަށް ކުރިހޯދައިފިއެވެ.

އެމެރިކާގެ ޓެކްސަސްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެމެރިކަން ފުޓްބޯޅަ ކުޅޭ ބޮޑު ސްޓޭޑިއަމެއްގައި ކުޅުނު މި މެޗު ބެލުމަށް 91,102 ސަޕޯޓަރުން ދަނޑަށް ވަނެވެ. ނަމަވެސް މުޅިން ފިޓްނުވާތީ މެސީ މި މެޗުގައި ކުޅެފައިނުވާތީ، އޭނާގެ ކުޅުން ބަލާލުމަށް އުންމީދުކޮށްގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަނީ މާޔޫސްކަމެއް ލިބިފައެވެ. 102,733 މީހުންގެ ޖާގައެއް އޮންނަ އެ ދަނޑުގައި މިއީ ކުޅުނު ދެވަނަ ފުޓްބޯޅަ މެޗެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ގުއިލިއާނޯ ސިމިއޯނީއެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖެހި މާޓިނޭޒްއެވެ.

އުމުރުން 38 އަހަރުގެ މެސީއަށް ގައުމީ ޓީމާ ގުޅުމުގެ ކުރިން، މީގެ ދެ ހަފްތާ ކުރިން އިންޓަ މަޔާމީއަށް ކުޅުނު ފަހު މެޗުގައި ވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނިގޮތުގައި މެސީގެ އަނިޔާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އޭނާ މިހާރު އެކަހެރިކޮށް ނޫން ގޮތަކަށް ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާ ކަމަށާއި، ވޯލްޑް ކަޕްގެ ކުރިން ކުޅޭ ދެ މެޗުގެ ތެރެއިން މެޗަކުން މެސީ ފެންނާނެ ކަމަށް ކޯޗު ޔަގީންކަން ދިނެވެ.

ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާއިން ކުޅޭ ފަހު އެކުވެރިކަމުގެ މެޗުގައި ބައްދަލުކުރާނީ އައިސްލެންޑާއެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގުރޫޕް ޖޭގައެވެ. އެ ގުރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަންއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މެސީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފެންނާނެ ފަހު މުބާރާތެވެ. އޭނާ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި 26 މެޗު އޭނާ ވަނީ ކުޅެފައެވެ.

މީގެ އިތުރުން މެސީ ވަނީ ވޯލްޑް ކަޕްތަކުގައި 13 ލަނޑު ޖަހާފައެވެ. މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަނުގެ މިރޮސްލާވް ކްލޯސޭގެ ރެކޯޑް މުގުރާލުމަށް މެސީއަށް މިހާރު ބޭނުންވަނީ އެންމެ ހަތަރު ލަނޑެވެ.

 

ކުޅިވަރު

އިތުރަށް ←