ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ވޯލްޑްކަޕް ސްކްރީންތަކެއް ބަހައްޓައިފި
ފޯރިގަދަ މާހައުލެއްގައި އާންމުންނަށް ވޯލްޑްކަޕް މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑެތި ސްކްރީންތަކެއް ވަނީ ހަރުކޮށްފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، މިރޭ ފަށާ މުބާރާތުގެ ހުރިހާ މެޗެއް މި ސަރަހައްދުތަކުން ހިލޭ ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ސްކްރީންތައް ބަހައްޓާފައިވަނީ ހުޅުމާލޭގެ މައިގަނޑު ތިން ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި ސެންޓްރަލް ޕާކުގެ އިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދާއި، ވިނަރެސް ޓަވަރު 9 ގެ ކުރިމަތީގައި ހަދާފައިވާ ރޯދަ މާރުކޭޓް ޓެންޓު ކައިރި ހިމެނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި އިންތިޒާމު ހަމަޖެއްސުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންނަށްވެސް އަމާން އަދި އެކުވެރި މާހައުލެއްގައި މެޗުތަކުގެ ފޯރި ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިރޭ މުބާރާތް ފެށުމަށް ތައްޔާރުވަމުންދާއިރު، އާންމުންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަމާއި ފޯރި މިހާރުވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
Ads by MACL
