ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ބަރުދަން ބަލަން އެންމެ އެކަށީގެންނުވާ 7 ވަގުތު: ފިޓްނަސް ކޯޗެއްގެ އިރުޝާދު

ބަރުދަން ބަލަން އެންމެ އެކަށީގެންނުވާ 7 ވަގުތު: ފިޓްނަސް ކޯޗެއްގެ އިރުޝާދު

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ ގިނަ ބަޔަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކިރާ ކައްޓާއަށް އަރާ މީހުންނެވެ. ނަމަވެސް، ދުވާލެއްގެ އެކި ވަގުތުތަކުގައި ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލުތަކަކީ ހަށިގަނޑުގައި ސަރުބީ އިތުރުވުން ނޫން ކަމަށާއި، އެއީ ކާބޯތަކެއްޗާއި، ފެނާއި، ހޯމޯންސްގެ އިތުރުން ލޮނުގެ މިންވަރަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދައްކާ ނަންބަރުތަކެއް ކަމަށް މާހިރުން ހާމަކުރެއެވެ.

ފިޓްނަސް ކޯޗެއް ކަމަށްވާ ރިޗާ ވަރުމާ ދާދިފަހުން ހިއްސާކުރި މައުލޫމާތެއްގައި ބުނެފައިވަނީ، ބަރުދަން ބަލާލަން އެންމެ އެކަށީގެންނުވާ ހަތް ވަގުތެއް ވާކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ވަގުތަކީ ކެއުމަށް ނުވަތަ ބުއިމަށްފަހު ވަގުތުން ބަރުދަން ބެލުމެވެ. ބަނޑަށްދާ ކާބޯތަކެއްޗާއި ފެނުގެ ސަބަބުން ބަރުދަން އިތުރުވެފައި ހުރިނަމަވެސް، އެއީ ހަށިގަނޑަށް އިތުރުވި ސަރުބީއެއް ނޫނެވެ.

ދެވަނަ ވަގުތަކީ މައްސަރުކަންތައް ދިމާވާ ދުވަސްވަރެވެ. މި ދުވަސްވަރު ހޯމޯންސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގައި ފެން ހަރުލާ ގޮތްވުމުން ބަރުދަން އިތުރުކޮށް ދައްކަފާނެއެވެ. ތިންވަނަ ކަމަކީ ބަނގުރާ ފަދަ މިހާގެ ބުއްދިއަށް އަސަރުކޮށްފާނެ އެއްޗއް ބުއިމަށްފަހު ބަރުދަން ބެލުމެވެ. މިއީ ހަށިގަނޑުން ފެން މަދުވުމަށް ނުވަތަ އިތުރުވުމަށް މެދުވެރިކުރުވާ ކަމަކަށްވާތީ، މި ވަގުތު ދައްކާ ނަންބަރަކީ ސައްހަ އެއްޗަކަށް ނުވާނެއެވެ.

ހަތަރުވަނަ ވަގުތަކީ ކަސްރަތުކޮށް ނިމޭގޮތަށެވެ. ކަސްރަތު ކުރުމުން ދާހިއްލާ ގޮތްވެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ބަރުދަން ލުއިވިކަމަށް ދެއްކި ނަމަވެސް، އެއީ ހަށިގަނޑުން ސަރުބީ އުނިވުން ނޫންކަމަށް ކޯޗު ފާހަގަކުރެއެވެ. ފަސްވަނަ ކަމަކީ ދުވާލުގެ އެކި ވަގުތުތަކުގައި ރޭވުމެއް ނެތްގޮތަށް ބަރުދަން ބެލުމެވެ. ހަރަކާތްތެރިވާ މިންވަރާއި ކެއުމަށް އަންނަ ބަދަލުތަކުން ދުވާލުގެ އެކި ވަގުތު ބަރުދަން ތަފާތުވެދާނެއެވެ.

ހަވަނަ ވަގުތަކީ ލޮނުގަދަ ކާނާއެއް ކެއުމަށްފަހު ބަރުދަން ބެލުމެވެ. ޕިއްޒާ ނުވަތަ ޗިޕްސް ފަދަ ތަކެތީގެ ސަބަބުން ހަށިގަނޑުގައި ފެން ހަރުލާ މިންވަރު އިތުރުވެ، ވަގުތީގޮތުން ބަރުދަން މަތިވެއެވެ. ހަތްވަނަ ވަގުތަކީ ހައި-ކާބް ނުވަތަ "ޗީޓް މީލް" އެއް ނެގުމަށްފަހު ބަރުދަން ބެލުމެވެ. ކާބޯހައިޑްރޭޓްސްގެ ސަބަބުން މަސްތަކުގައި ފެން ރައްކާކުރާތީ، ދެތިން ދުވަސް ވަންދެން ބަރުދަން މަތިކޮށް ދައްކާފާނެއެވެ. މީގެ އިތުރުން ބަރު އަންނައުނާއި ބޫޓު ފަދަ ތަކެތީގެ ސަބަބުންވެސް ބަރުދަން ބަލާއިރު ތަފާތުތައް ދައްކާނެއެވެ.

ބަރުދަން ބަލަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން ހާމަކުރަމުން ފިޓްނަސް ކޯޗު ބުނީ، އެންމެ އެކަށީގެންވާ ވަގުތަކީ ހެނދުނު ހޭލައިގެން ފާޚާނާއަށް ދިއުމަށްފަހު، އަދި އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރެ ބަރުދަން ބެލުން ކަމަށެވެ.

އަދި ބަރުދަން ބެލުމުގައި އަބަދުވެސް އެއް އުސޫލަކުން ކަންތައް ކުރުމުން، ހަށިގަނޑަށް އަންނަ ބަދަލުތައް މާ ސާފުކޮށް ދެނެގަނެވޭނެ ކަމަށް އޭނާ ލަފާދެއެވެ.

ލައިފްސްޓައިލް

އިތުރަށް ←