ވޯލްޑް ކަޕް 2026: ވޯލްޑް ކަޕް ތާރީޚުގައި ދެވަނަ ފަހަރަށް އަންހެނަކު ރެފްރީކަން ކުރި މެޗު އެއްވަރު
2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޓެފަނީ ފްރެޕާޓް ވަނީ ފިރިހެނުންގެ ވޯލްޑް ކަޕް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު ހޯދާފައެވެ. އޭނާ އިންސާފުކުރީ 1 ޑިސެމްބަރު 2022 ގައި ކޮސްޓަރީކާ އާއި ޖަރުމަނު ބައްދަލުކުރި ގްރޫޕް ސްޓޭޖުގެ މެޗެވެ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިވަނީ އާ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޓޯރީ ޕެންސޯ ވެފައިވަނީ ފިރިހެނުންގެ ވޯލްޑް ކަޕް މެޗެއްގައި ރެފްރީކަން ކުރި ދެވަނަ އަންހެން ރެފްރީ އަށެވެ.ޗެކިއާ އާއި ސައުތު އެފްރިކާ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، މި މެޗަކީ ފިރިހެނުންގެ ވޯލްޑް ކަޕް ތާރީޚުގައި މުޅިންވެސް އަންހެން ރެފްރީން ހިމެނޭ އެމެރިކާގެ ޓީމަކުން އިންސާފުކުރި ފުރަތަމަ މެޗެވެ. މި ޓީމުގައި ހިމެނެނީ މެއިން ރެފްރީ ޓޯރީ ޕެންސޯ އާއި އެސިސްޓަންޓް ރެފްރީން ކަމަށްވާ ބްރޫކް މޭއޯ އަދި ކެތްރިން ނެސްބިޓް އެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ތާރީޚީ މެޗުގެ މައި ރެފްރީއަކީ އެމެރިކާގެ ތަޖުރިބާކާރު އަންހެން ރެފްރީ ޓޯރީ ޕެންސޯ އެވެ. މިއީ ފިރިހެނުންގެ ވޯލްޑް ކަޕް މެޗެއްގައި އޮފިޝަލްކަން ކުރި އެމެރިކާގެ ފުރަތަމަ އަންހެން ރެފްރީއަށް ވާއިރު، މުޅި ދުނިޔޭގެ ތާރީޚަށް ބަލާއިރު މިއީ މިފަދަ މެޗެއްގެ މައި ރެފްރީކަން އަންހެނަކު ކުރި ދެވަނަ ފަހަރެވެ.
މި މެޗުގައި ޕެންސޯއަށް އެހީތެރިވުމުގައި އަރިމަތީ ރެފްރީންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ އެމެރިކާގެ ދެ އަންހެން ރެފްރީން ކަމަށްވާ ބްރޫކް މޭއޯ އަދި ކެތުރިން ނެސްބިޓް އެވެ. މިއީ މުޅިން އަންހެން އޮފިޝަލުން ހިމެނޭ ތުރީއަކުން ފިރިހެނުންގެ ވޯލްޑް ކަޕް މެޗެއްގައި އިންސާފުކުރި ތާރީޚީ ރޭވުމެކެވެ.
ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ދެމެހެއްޓުމަށްޓަކައި މޮޅުވުން މަޖުބޫރުވި މި މެޗު ފަށައިގެން ކުރީކޮޅުގައި ލީޑުނެގީ ޗެޗިއާ އިންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ޗެޗިއާގެ މިކަލް ސަދިލެކް ވަނީ ހިތްގައިމު ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. މި ލަނޑާއެކު މެޗުގެ ބޮޑުބައި ޗެޗިއާ އިން ކޮންޓްރޯލް ކުރި ނަމަވެސް، ސައުތު އެފްރިކާ (ބަފާނާ ބަފާނާ) އިން ދޫނުދީ ކުރި މަސައްކަތުން މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސައުތު އެފްރިކާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ތެބޯހޯ މޮކޮއޭނާ އެވެ.
މި ނަތީޖާއާއެކު، ފުރަތަމަ މެޗުން ބަލިވި ދެ ޓީމަށްވެސް މިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ދާއިރު މުބާރާތުގައި ކުރިއަށް ދިއުމުގެ ހަނި އުއްމީދެއް ލިބިފައެވެ.
ގްރޫޕްގެ ފަހު މެޗުގައި ޗެޗިއާ ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އަދި ސައުތު އެފްރިކާ ބައްދަލުކުރާނީ ދެކުނު ކޮރެއާއާއެވެ.
Ads by MACL
