ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ޝާޔާ އާއި ނާއިކް ހޯދައިފި

35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ޝާޔާ އާއި ނާއިކް ހޯދައިފި

ނިމިގެންދިޔަ 35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުގެ މަގާމު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު އާއި ޔޫސުފް ނާއިކް ވަޖީހު ހޯދައިފިއެވެ.

ޖުމްލަ 19 ކްލަބަކުން 153 އެތުލީޓުން ވާދަކުރި މި މުބާރާތުގައި 56 އަންހެން އެތުލީޓުންނާއި 97 ފިރިހެން އެތުލީޓުން ބައިވެރިވެފައިވާއިރު، އެންމެ ގިނަ އެތުލީޓުން ނިސްބަތްވަނީ 40 އެތުލީޓުންނާއެކު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށާއި 36 އެތުލީޓުންނާއެކު ދިވެހި ސިފައިންގެ ކްލަބަށެވެ.

މިއަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދި އައިޝަތު ޝާޔާ ޝަފީއު ވަނީ މި މުބާރާތުގައި ރާއްޖޭގެ ޝޮޓްޕުޓް ގައުމީ ރެކޯޑް އަލުން މުގުރާލާފައެވެ. މިދިޔަ އަހަރު 9.80 މީޓަރުގެ ރެކޯޑެއް އޮތް ނަމަވެސް، މިއަހަރު އޭނާ ވަނީ 40 ސެންޓިމީޓަރުގެ ކުރިއެރުމަކާއެކު 10.20 މީޓަރުގެ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މި އިވެންޓުން ދެވަނަ ހޯދީ 8.76 މީޓަރު އުކި އައިޝާ އައިލީން އަހުމަދެވެ. އަދި ތިންވަނަ ލިބުނީ 8.03 މީޓަރު އުކި އައިޝަތު އައިނީ މުހައްމަދަށެވެ. މީގެ އިތުރުން ޝާޔާ ވަނީ ޑިސްކަސް އުކުމުގެ އިވެންޓުންވެސް 29.70 މީޓަރު އެއްލައިގެން ރަން މެޑަލް ހޯދާފައެވެ. މި އިވެންޓުން ދެވަނަ އައިނީ 25.77 މީޓަރުން ހޯދިއިރު، ތިންވަނަ ލިބުނީ 21.87 މީޓަރު އެއްލި އައިޝަތު ލީންއަށެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޔޫސުފް ނާއިކް ވަޖީހު ވަނީ 16 އަހަރުގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް އަލުން އާކޮށްފައެވެ. މިދިޔަ އަހަރު 1.88 މީޓަރު ހުރަސްކޮށް 16 އަހަރުވީ ރެކޯޑް މުގުރާލި ނާއިކް، މިފަހަރު އެ ރެކޯޑް އާކުރީ 1.91 މީޓަރު މައްޗަށް ފުއްމައިގެންނެވެ. މި އިވެންޓުން ދެވަނަ ލޫތު ބިން އަލީ ޝަރީފް 1.65 މީޓަރުން ހޯދިއިރު، ތިންވަނަ ލިބުނީ 1.60 މީޓަރު ހުރަސްކުރި އީސާ ޖާހިޒު އަޖުހަދަށެވެ. ހައި ޖަމްޕްގެ އިތުރުން ނާއިކް ވަނީ ޓްރިޕަލް ޖަމްޕުން 12.25 މީޓަރާއެކު ދެވަނަ ހޯދާފައެވެ. އެ އިވެންޓުން އެއްވަނަ މުހައްމަދު ޖައިލަމް ވަލީދު 12.68 މީޓަރުން ހޯދިއިރު، ތިންވަނަ ލިބުނީ 12.10 މީޓަރު ފުންމި އީސާ ޝަފީއުއަށެވެ. އަދި ލޯންގް ޖަމްޕް އިވެންޓުންވެސް ނާއިކް ވަނީ ތިންވަނަ މަގާމު ހޯދާފައެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކްލަބަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބެވެ. ފިރިހެން ބައިން ސިފައިން 253.5 ޕޮއިންޓް ހޯދިއިރު، ޓްރެކް އެންޑް ފީލްޑަށް ލިބުނީ 211 ޕޮއިންޓެވެ. އަންހެން ބައިން ސިފައިން 230 ޕޮއިންޓް ހޯދާފައިވާއިރު، ޓްރެކް އެންޑް ފީލްޑަށް ލިބުނީ 209 ޕޮއިންޓެވެ.

މިއާއެކު، ވޭތުވެދިޔަ ފަސް އަހަރު ދިފާއުކުރަމުން އައި ގައުމީ އަންހެން ޓީމުގެ ތަށި ޓްރެކް އެންޑް ފީލްޑަށް ވަނީ ގެއްލިފައެވެ. އަދި މިދިޔަ 21 އަހަރުގެ ތެރޭގައި ފިރިހެން ޓީމުގެ ޗެމްޕިއަންކަން ދެ ފަހަރު ފިޔަވައި ކޮންމެ ފަހަރަކުވެސް ކާމިޔާބުކޮށްފައިވަނީ ސިފައިންގެ ކްލަބުންނެވެ.

 

ކުޅިވަރު

އިތުރަށް ←