ޓޭލާ ސްވިފްޓް އާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި
ދުނިޔޭގެ މަގުބޫލު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީ ކައިވެނިކޮށްފި ކަމަށް ސްވިފްޓްގެ ޕަބްލިސިސްޓް ކަށަވަރުކޮށްދީފިއެވެ.
ތިން އަހަރުވީ ލޯބީގެ ގުޅުމަށްފަހު މި ދެތަރިން ކައިވެނިކުރިކަން އިއުލާންކޮށްފައިވަނީ ނިއުޔޯކުގެ މަޝްހޫރު މެޑިސަން ސްކެއާ ގާޑަންގައި ބޭއްވި ކައިވެނީގެ ބޮޑު ހަފްލާގެ ތެރެއިންނެވެ. މި ހަފްލާއާ ދިމާކޮށް އެ ސަރަހައްދުގެ ބޮޑު ސްކްރީންތަކުން "JUST MARRIED" ޖަހާފައިވާ މެސެޖުތައް ވަނީ ދައްކާލާފައެވެ.
މި ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްދީފައިވަނީ ދެމަފިރިންގެ ގާތް އެކުވެރިއެއް ކަމަށްވާ މަޝްހޫރު ކޮމެޑިއަން އެޑަމް ސޭންޑްލާ އެވެ. މި ހަފްލާގައި ޓޭލާ ސްވިފްޓްގެ "މޭން އޮފް އޮނާ" ގެ ގޮތުގައި އޭނާގެ ކޮއްކޮ އޮސްޓިން ސްވިފްޓް ބައިވެރިވިއިރު، ޓްރެވިސް ކެލްސީގެ ބެސްޓް މޭން އަކީ އޭނާގެ ބޭބެ އަދި ކުރީގެ ފުޓްބޯޅަ ތަރި ޖޭސަން ކެލްސީއެވެ. ކައިވެނީގެ ހަފްލާގައި ދެމަފިރިން ލާފައިވަނީ ކްރިސްޓިއަން ޑިއޯ ބްރޭންޑްގެ ފޭރާމެވެ.
ނިއުޔޯކަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަހެއްގައި ބޭއްވި މި ހަފްލާގައި ދުނިޔޭގެ ނަންހިންގާ ގިނަ އަދަދެއްގެ ތަރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޖެނިފާ ލޮޕޭޒް، އެޑް ޝީރަން، އީތަން ހޯކް، އަދި ޖިމީ ފެލޮން ފަދަ މަޝްހޫރު ފަންނާނުން ހިމެނެއެވެ. މި ހަފްލާ ބޭއްވި މެޑިސަން ސްކެއާ ގާޑަން ކައިރިއަށް ސްވިފްޓްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވެ، ތަރިންގެ ފޮޓޯއެއް ނެގޭތޯ މަސައްކަތް ކޮށްފައިވެއެވެ. އާންމުންގެ ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ އެމެރިކާގެ "ޝާހީ ކައިވެނި" އެވެ.
މި ކައިވެނީގެ ހަފްލާއަށް މެޑިސަން ސްކެއާ ގާޑަން ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދިޔައިރު، މި މުނާސަބަތާ ގުޅުވައިގެން އެމްޕަޔާ ސްޓޭޓް ބިލްޑިންގުގެ ދިއްލުންތައް ވެސް ވަނީ ފަނޑު ނޫކުލައަކަށް ބަދަލުކޮށްފައެވެ. އެމެރިކާގެ މިނިވަންކަމުގެ ދުވަހުގެ ދިގު ބަންދާ ދިމާކޮށް ބޭއްވި މި ހަފްލާއަށް 1،000 އެއްހާ މެހެމާނުންނަށް ދައުވަތު ދީފައިވާއިރު، މި ދެތަރިން ވަނީ މި ހަފްތާގައި ނިއުޔޯކާއި އެހެނިހެން ސިޓީތަކުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 26 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.
މި ދެތަރިންގެ ލޯބީގެ ގުޅުން ފެށުނީ 2023 ވަނަ އަހަރު ޓްރެވިސް ކެލްސީ، ޓޭލާ ސްވިފްޓްގެ ކޮންސެޓެއްގެ ބެކްސްޓޭޖުން އޭނާއާ ބައްދަލުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެ ވާހަކަ ޕޮޑްކާސްޓެއްގައި ހިއްސާކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ދެމީހުން އެކުގައި އެކި ހަފްލާތަކުންނާއި މެޗުތަކުން ފެންނަން ފެށުމަށްފަހު، އެމީހުން އެންގޭޖްވިކަން އިއުލާންކުރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މިހާރު ދެމީހުންގެ އުމުރަކީވެސް 36 އަހަރެވެ.
Ads by MACL
