ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ބަށީގެ ފަޚުރުވެރި ތާރީޚެއް އޮތް ވިލިމާލޭގައި ޒަމާނީ ބަށިކޯޓެއް ގާއިމްކުރަނީ

ބަށީގެ ފަޚުރުވެރި ތާރީޚެއް އޮތް ވިލިމާލޭގައި ޒަމާނީ ބަށިކޯޓެއް ގާއިމްކުރަނީ

ވިލިމާލެއަކީ ރާއްޖޭގެ ބަށިކުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާ، ބަށީގެ ބޮޑު ތާރީޚެއް އޮތް އަވަށެކެވެ.

މި ތާރީޚު ދިރުވައި، ވިލިމާލޭގެ ކަނބަލުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެ އަވަށުގައި ޒަމާނީ ފެންވަރުގެ ބަށިކޯޓެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން ވިލިމާލޭގައި އަޅާ ބަށިކޯޓަކީ ކަނބަލުންނަށް ފަސޭހަކަމާއެކު ކުޅިވަރު ކުޅެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ތަނެކެވެ.

ފަހަކަށް އައިސް މުޅި ރާއްޖޭގައިވެސް ބަށީގެ ފޯރި އަލުން ގަދަވަމުން އަންނަކަން ފާހަގަކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަންހެނުންނަށް ޚާއްޞަ ކުޅިވަރުތަކަށް ބޮޑު އިސްކަމެއް ދެއްވައެވެ.

ވިލިމާލޭގައި މިފަދަ ކޯޓެއް ގާއިމްކޮށްދެއްވާތީ، އެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މެންބަރު ވިދާޅުވި ގޮތުގައި ވިލިމާލޭގެ ޒުވާނުންނާއި ކަނބަލުން ކުޅިވަރުގެ މައިދާނުން ބާކީވިޔަ ނުދިނުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި އެކަމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ މީގެ ކުރިންވެސް ދެއްވާފައެވެ.

މި ބަށިކޯޓުގައި މިހާރު ދަނީ ފިނިޝިން މަސައްކަތެވެ.

މި އައު ބަށިކޯޓާއެކު، ވިލިމާލޭގެ ކަނބަލުންގެ މެދުގައި އޮތް ބަށީގެ ފޯރި އިތުރަށް ގަދަވެ، އައު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އެ އަވަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.

 

ކުޅިވަރު

އިތުރަށް ←