އެންޑޯމެޓްރިއޯސިސް ސާޖަރީއަށްފަހު ދިމާވި އުނދަގޫތަކުގެ ވާހަކަ ޝަމީތާ ޝެއްޓީ ހިއްސާކޮށްފި
ބޮލީވުޑްގެ ފިލްމީ ތަރި ޝަމީތާ ޝެއްޓީ 2024 ވަނަ އަހަރު ކުރި އެންޑޯމެޓްރިއޯސިސް ސާޖަރީއަށްފަހު، އޭނާގެ ހަށިގަނޑުގެ ވަރުގަދަކަމާއި ސްޓެމިނާ އަނބުރާ ހޯދުމަށް މަސްތަކެއް ނެގި ކަމަށް ހާމަކޮށްފިއެވެ.
ބަތަލާ ސޯހާ އަލީ ޚާންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ޝަމީތާ ބުނީ ސާޖަރީއަށްފަހު ދުވަސްކޮޅަކަށް އޭނާ އުޅެންޖެހުނީ ވަރަށް ދުވަސްވީ އަންހެނެއް ފަދައިން ކަމަށާއި، ކުޑަކޮށް ހިނގާލުމުންވެސް މާނޭވާލެވި ހުއްޓެން ޖެހުނު ކަމަށެވެ.
ޝަމީތާ ކިޔައިދިން ގޮތުގައި އޭނާއަށް މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުން އިންތިހާއަށް ބޮޑުވެ، ނިދިން ހޭލެވޭ ހިސާބަށް ކަންތައްތައް ދިއުމުން ހަށިގަނޑުގައި މައްސަލައެއް އުޅޭކަން ޔަގީންވިއެވެ. އޭގެ ކުރިން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތައް ނޯމަލްވުމުން، އެއީ އަންހެނަކަށްވީތީ ދިމާވާ އާދައިގެ ކަމެއް ކަމަށް ހީކޮށް އެކަން އާންމު ކަމެއްގެ ގޮތުގައި ދޫކޮށްލެވުނު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޑޮކްޓަރުން ފުރަތަމަ ލަފާދިނީ ހޯމޯންތައް އެއްވަރުކުރުމަށް ބާތު ކޮންޓްރޯލް ބޭސް ބޭނުންކުރުމަށް ކަމަށްވީ ނަމަވެސް، އެ ބޭސްތަކުގެ ސަބަބުން މޫނުގައި ބޮޑެތި ބިހިތައް ނަގަން ފެށުމުން ބޭސްކެއުން ހުއްޓާލައި ސާޖަރީއަކަށް ދާން ޝަމީތާ ނިންމިއެވެ. އަދި ބަނޑުގައި ލަކުނުލާން ބޭނުންނުވާތީ، ޑޮކްޓަރުގެ އެހީތެރިކަމާއެކު ބޮޑު ލަކުނެއް ނެތް ގޮތަށް ހަތަރު ކުޑަ ލޯވަޅެއް ޖަހައިގެން ސާޖަރީ ކުރިއަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
ސާޖަރީއަށްފަހު ޖިމްއަށް ދެވޭނީ 4 އާއި 6 ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކަމަށް ޑޮކްޓަރު ބުނި ނަމަވެސް، ފުރިހަމައަށް ވަރުގަދަކަން ލިބި ޖިމްގެ ލެގް ވޯކްއައުޓެއް ހަދާލެވޭވަރުވީ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަދި މި ބަލީގެ ސަބަބުން އިތުރުވި 5 ކިލޯ ލުއިކޮށްލުމަށް ދެ އަހަރު ދުވަހުގެ ދިގު މުއްދަތެއް ނެގި ކަމަށް ބުނެ ޝަމީތާ ވަނީ ބަލިން ފަސޭހަވުމުގައި ދިމާވި ހުރަސްތައް ހިއްސާކޮށްފައެވެ.
Ads by MACL
