ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ލަނޑުތަކެއް އޮއްސާލުމަށްފަހު އެމްޓީސީސީ އާއި އާރުއާރުސީ ސެމީ ފައިނަލަށް

ލަނޑުތަކެއް އޮއްސާލުމަށްފަހު އެމްޓީސީސީ އާއި އާރުއާރުސީ ސެމީ ފައިނަލަށް

ކްލަބް މޯލްޑިވްސް ކަޕްގެ ފޯރިގަދަ ކުއާޓާ ފައިނަލުގެ ފަހު މެޗުތަކުގައި ފެނިގެންދިޔަ ގޯލް ތަކާއެކު، މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ކްލަބް އެމްޓީސީސީ އާއި އާރުއާރުސީން ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު މި ދެ މެޗުގައި ޖުމްލަ ހަތަރު ހެޓްރިކް ފެނިގެންގޮސްފައިވާއިރު، މިއާއެކު މުބާރާތުގެ ގަދަ ހަތަރެއްގެ ފޯރި މިވަނީ އިތުރަށް ގަދަވެފައެވެ.

ރޭގެ ފުރަތަމަ މެޗުގައި އެމްޓީސީސީން ވަނީ އެމްއޭސީއެލްގެ މައްޗަށް 11-3 ގެ ބޮޑު މޮޅަކާއެކު ސެމީގެ ޖާގަ ހޯދާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެމްޓީސީސީގެ މުހައްމަދު އިސާމް ހަތަރު ގޯލު ކާމިޔާބުކުރިއިރު، އެ ޓީމުގެ އަލީ މާއިސް (މައްޓު) އާއި އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ހެޓްރިކް ހަދައި، ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހާފައެވެ. އެމްޓީސީސީގެ އަނެއް ލަނޑު ޖަހައިދިނީ އަލީ ޝިޔާހް (ޝިޔާ) އެވެ. މި މެޗުގައި އެމްއޭސީއެލްއިން ޖެހި ތިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖިނާހް އާއި އަޒްޔާން އިބްރާހިމްގެ އިތުރުން އިބްރާހިމް އިމްރާހް އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީން ވެސް ވަނީ ރޭ ކުޅުނު މެޗުގައި ސްޓެލްކޯ އާރުސީ 7-3 އިން ބަލިކޮށް، ސެމީގެ ޖާގައެއް ދިފާއުކޮށްފައެވެ. މި މެޗުގައި އާރުއާރުސީގެ އިސްމާއިލް މުނީޒް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ގައްސާން ލަބީބް، ޝަނާން ރަޝާދު، އަހުމަދު އަފްލާޒް އަދި މޮހްސެން މޮންޓަޒޭމީ އެވެ. ސްޓެލްކޯއިން ޖެހި ލަނޑުތަކުގެ ތެރެއިން މުހައްމަދު ޝިރުހާން ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް ރިމާހް އާއި ހައިޝަމް ހަސަން (ބިޑި) އެވެ.

މި ނަތީޖާތަކާއެކު މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިހާރު ވަނީ ތާވަލުކުރެވިފައެވެ. ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެޗްޑީސީ އާއި އެސްޓީއޯ އެވެ.

އަދި އަންގާރަ ދުވަހުގެ ރޭގެ 8:30 ގައި ކުޅޭ ފޯރިގަދަ ދެވަނަ މެޗުގައި އެމްޓީސީސީ ނުކުންނާނީ އާރުއާރުސީއާ ދެކޮޅަށެވެ.

 

ކުޅިވަރު

އިތުރަށް ←